ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުން ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ހިތްހަމަނުޖެހިއްޖެ އެވެ.

ރައީސް މައުމޫން ރަޝިޔާއާ ގުޅޭގޮތުން އެކްސްގައި ޕޯސްޓް ކުރެއްވީ އަންގާރަ ދުވަހު އެވެ. ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތައް ރިޕޯޓްކުރަމުން ދާއިރު، އދ. ގެ ސަލާމަތީ މަޖިލީހުން އެކަމާ އަޅާނުލާކަމަށާއި އަދި ސަލާމަތީ މަޖިލިސް ވުޖޫދުގައި އޮތްތޯ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މިކަމާއި ގުޅިގެން ރަޝިޔާ އެމްބަސީގެ ސަފީރު ލިވަން އެސްޖަގަރްޔަން ވިދާޅުވީ ޔުކުރެއިންގެ ރައީސް ޒެލެންސްކީގެ ސަބަބުން އެ ގައުމުގެ ޑޮންބާސްގެ ގިނަ ބަޔަކު މަރުވިކަން ހަނދާންކޮށްދޭ ކަމަށެވެ. އެއިން ކަމަކާ މައުމޫން ކަންބޮޑުވެވަޑައިގެން ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ ސަފީރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

އޭނާ ވިދާޅުވީ ރަޝިޔާއިން އިސްވެ ސުލްހަ ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއަޅަނީ އެމެރިކާ އާއި އިނގެރޭސިވިލާތުން ކަމަށާއި އަދި ހަނގުރާމަ ކުރިއަށް ގެންދިއުމަށް އެ ގައުމުތަކުން ޔުކުރެއިންގެ ރައީސްއަށް ހިތްވަރުދީފައިވާ ކަމަށެވެ.

ސަފީރު ވަނީ ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސަގާފަތަށް ތާއީދު ނުކުރުމަށް ރައީސް މައުމޫންއަށް ގޮވާލައްވާފަ އެވެ.

އޭގެ ބަދަލުގައި އެންމެ ގައުމެއްގެ ސަބަބުން ފަލަސްތީނުގެ ގައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމަށް ނިމުމެއް ގެންނަން ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވުމުން އެކަމުގެ ކަންބޮޑުވުން މައުމޫން ފާޅުކުރެއްވުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.