މިދިޔަ ހަފްތާ ތެރޭގައި އޮތް ވެނިސް ފިލްމު ފެސްޓިވަލްގެ ތެރެއިން ޕަބްލޯ ލޮރެއިންގެ ފިލްމު "މަރީއާ"އަށް ރެކޯޑް ދިގުމިނެއްގެ ސްޓޭންޑިން އޮވޭޝަނެއް ލިބިއްޖެ އެވެ.

ފެސްޓިވަލްގައި ފިލްމު ދައްކާ ނިމުމާއެކު އެއްވެ ތިބި އެންމެން ވަނީ ކޮޅަށް ތެދުވެ އަށް މިނެޓު ވަންދެން މެދުނުކެނޑި ފިލްމަށް ހޫނު ތަރުހީބުގެ އަތްތިލަބަޑިއެއް ދީފަ އެވެ.

މަޝްހޫރު އޮޕެރާ ލަވަކިޔުންތެރިޔާ މަރީއާ ކެލަސްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ އެންޖެލީނާ ޖޯލީ އެވެ.

ބެލުންތެރިންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާއެކު އެ ސްކްރީނިންއަށް ގޮސް އިން އެންޖެލީނާގެ ލޮލުން ކަރުނަ ފާއްދާލި މަންޒަރު ވެސް ފެނިގެންދިޔަ އެވެ.

އެ ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެންޖެލީނާ ބުނީ އެއީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކަމަށާއި އެ ފިލްމުގެ ހިއްސާއަކަށް ވެވުނީތީ އުފާކުރާ ކަމަށެވެ.

އެ ސްކްރީނިން އަށް ފަހު ވާހަކަ ދައްކަމުން ޕަބްލޯ ބުނެފައިވަނީ ފިލްމުގެ ޑިސްޓްރިބިއުޝަން ރައިޓްސް ނެޓްފްލިކްސްއަށް ދީފައިވާ ކަމަށެވެ.