ހޮލީވުޑްގެ ތާރީހުގައިވެސް ހިނގާނެ އެންމެ ބޮޑު މާޖާ ކަމަށްވާ، ޕެރަމައުންޓް ސުކައިޑާންސް އިން ވާނާ ބްރަސް ޑިސްކަވަރީ ގަތުމަށް މަސައްކަތްކުރާ 110 ބިލިއަން ޑޮލަރުގެ ވަރުގަދަ ޑީލް އެމެރިކާގެ ފެޑެރަލް ކޯޓަކުން ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.

މި މާޖާ ކުރިއަށް ގެންދިއުން މަޑުޖައްސާލަން އަމުރުކުރީ ކެލިފޯނިއާ އާއި ނިއުޔޯކް ހިމެނޭ ގޮތަށް އެމެރިކާގެ 12 ސްޓޭޓަކުން އެއްވެގެން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ ސްޓޭޓްތަކުން ތުހުމަތުކުރާ ގޮތުގައި މި ދެ ކުންފުނި އެއްކޮށްލުމަކީ ވާދަވެރިކަން ނައްތާލައި، ސިނަމާގެ ޓިކެޓް އަގުތަކާއި ކޭބަލް ޓީވީގެ އަގުތައް އުފުލި، މުޅި މުނިފޫހިފިލުވުމުގެ ސިނާއަތުގައި އޮތް ވާދަވެރިކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.

އޮކްލޭންޑްގެ ފެޑެރަލް ޖަޖް އަރަސެލީ މާޓިނޭޒް-އޮލްގުއިން ނެރުއްވި އަމުރުގައި ވަނީ، މި މާޖާ ކުރިއަށް ގެންގޮސްފިނަމަ ވާދަވެރިކަމަށް އިޔާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމުގެ ވަރުގަދަ ހެކިތަކެއް ސްޓޭޓްތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލައިގައި އިތުރު ގޮތެއް ނިންމަންދެން، އޮގަސްޓް 3 އާ ހަމައަށް އެ މާޖާގެ ހުރިހާ މަސައްކަތެއް ވަނީ ހުއްޓުވާފަ އެވެ.

މި މާޖާގެ ދަށުން ހޮލީވުޑްގެ އެންމެ ބޮޑު ދެ ސްޓޫޑިއޯގެ އިތުރުން ސީއެންއެން، ސީބީއެސް އަދި އެޗްބީއޯ މެކްސް އާއި ޕެރަމައުންޓް ޕްލަސް ފަދަ ސްޓްރީމިންގް ހިދުމަތްތައް އެއް ކޮންޓްރޯލެއްގެ ދަށަށް އަންނާނެ އެވެ.

މި މާޖާ ލަސްވުމަކީ ޕެރަމައުންޓްގެ ސީއީއޯ ډޭވިޑް އެލިސަންއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެ ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ސެޕްޓެމްބަރު 30 ގެ ފަހުން މާޖާ ނުނިމި ލަސްވާ ކޮންމެ ދުވަހަކަށް، ވާނާ ބްރަސްގެ ހިއްސާދާރުންނަށް ޓިކިންގް ފީގެ ގޮތުގައި ދުވާލަކު ގާތްގަނޑަކަށް 7 މިލިއަން ޑޮލަރު ޕެރަމައުންޓުން ދައްކަން ޖެހޭނެ އެވެ.

ކޯޓުގެ މައްސަލަ ދިގު ދެމިގެންގޮސް އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ދިޔަ ނަމަވެސް، ޕެރަމައުންޓުން އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަމައެކަނި ޖޫރިމާނާގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް މާލީ މާހިރުން ލަފާކުރެ އެވެ.

ނަމަވެސް ޕެރަމައުންޓުން ބުނަމުންދަނީ ސްޓޭޓްތަކުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި، މި މާޖާގެ ސަބަބުން ނެޓްފްލިކްސް އާއި ޑިޒްނީ ފަދަ ބޮޑެތި ކުންފުނިތަކާ ވާދަ ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޮގަސްޓް 3 ގައި އޮންނާނެ އެވެ.