ރައީސް ޑރ. މުހައްމަދު މުޢިއްޒު، ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިހާރު ކުރިއަށްދަނީ މި ދަތުރުފުޅު ކުރެއްވުމަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބައިތޯ މަޝްވަރާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދަތުރުގެ ތާރީޚު ކަނޑައަޅާނީ ދެ ގައުމުގެ އިސްވެރިންނަށް ވެސް އެންމެ ފަސޭހަ ތާރީޚަށް ބެލުމަށް ފަހުގައިކަން ހީނާ ފާހަގަކުރެއްވި އެވެ.
"ދިވެހިރާއްޖެއާއި އިންޑިއާއާ އެކީގައި މިވަގުތު އެންމެ ރަނގަޅު ތާރީހަކީ ކޮބައިތޯ އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް މިދަނީ. އެހެންވީމަ އެނގިވަޑައިގަންނަވާނެ ދައުލަތުގެ އެންމެ އިސްވެރިން އެގޮތައް ކުރައްވާ ދަތުރުފުޅުކުރައްވަމުން ގެންދަވަނީ ދެ ގައުމުގެ އެންމެ އިސްވެރިންނަށް އެންމެ ފަސޭހަ ވަގުތުތަކުގައި. އެކަމާ ބެހޭ މަޝްވަރާތައް މިހާރު ކުރެވެމުންދާ ވާހަކަ ދަންނަވާލަން،" ހީނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި މިއަހަރުގެ ޖޫން މަހު ކުރެއްވި އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ބެހޭ ގޮތުން ރައީސް މުއިއްޒު ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖެއާއި އިންޑިއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް މިހާރު ދެ ގައުމުގެ ގުޅުން ބަދަހިކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބަޖެޓް ސަޕޯރޓް ހޯދަން. ފައިސާ ހޯދާކަށް ނޫން.