އަވަށްޓެރި ސްރީލަންކާގައި މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި ވޯޓު ގުނަން ފަށާފައިވާއިރު، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނީ މީ އެގައުމުގައި މިހާތަނަށް ބޭއްވުނު އެންމެ ސުލްހަވެރި އިންތިހާބު ކަމަށެވެ.
މިއަދު ހެނދުނު 8:00 ގައި ލަންކާގެ ހުރިހާ ސަރަހައްދެއްގާ ވޯޓްލާން ފަށާފައިވާއިރު، ވޯޓްލުން ކުރިއަށް ދިޔައީ ހަވީރު 4:00 ހަމައަށެވެ.
އިގްތިސޯދީގޮތުން ނާޒުކު ފައްތަރެއްގައި އޮތް ލަންކާއަށް އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި 38 ކެނޑިޑޭޓުން ވާދަކޮށްފައިވެ އެވެ. އެގޮތުން އެންމެ ގާތުން ވާދަކުރަނީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ އަނޫރާ ކުމާރާ ޑިސާނަޔަކަ އާއި ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އަދި އިދިކޮޅު މައި ލީޑަރު ސަޖިތު ޕްރޭމަދާސާ އެވެ.
މި އިންތިހާބުގައި ވޯޓްލާން 17 މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، ވޯޓްލާން 13،134 ޕޯލިން ސްޓޭޝަން ގާއިމުކޮށްފައިވެ އެވެ.
މިއަދުގެ އިންތިހާބާ ގުޅިގެން އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނީ މީ އެންމެ ސުލްހަވެރިކަމާއެކު ނިންމާލެވުނު އިންތިހާބުކަމަށާއި، އިންތިހާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ބެލެވޭ ގޮތުގައި އިންތިހާބުގެ ނަތީޖާ ލިބޭނީ މާދަމާގެ ވަގުތެއްގަ އެވެ.
އިންތިހާބާއި ގުޅިގެން މާދަމާއަކީ އެގައުމުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިވަނީ ހަމަޖައްސާފަ އެވެ.
ލަންކާއަކީ ގާތްގަނޑަކަށް 10،000 ދިވެހިންވެސް ދިރިއުޅޭ ގައުމެކެވެ. އިންތިހާބުގެ ކަންކަން ކުރިއަށް ދާއިރު ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އިލްތިމާސްކޮށްފަ އެވެ.