ސިޔާސީ ގޮތުން ވަރުގަދަ ލީޑަރުން ފަހަތަށް ޖައްސާލުމަށްފަހު، ލަންކާގެ ރިޔާސީ އިންތިހާބު އަނޫރާ ކުމާރަ ޑިސެނަޔަކަ ކާމިޔާބު ކުރައްވައިފި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ޑިސެނަޔަކަ ގެންގުޅުއްވާ ސިޔާސަތުތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާއެކު ގިނަބައެއްގެ ތާއީދު ލިބުނު ޑިސެނަޔަކަ އިންތިހާބު ކާމިޔާބު ކުރައްވާފައި މިވަނީ ލަންކާގެ ވަރުގަދަ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވާދަކުރައްވައިގެންނެވެ.

އަވަށްޓެރި ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓު ވޯޓުލާފައިވެ އެވެ.

ޖުމްލަ 38 ކެންޑީޑޭޓުން ވާދަކުރި މި އިންތިހާބުގެ ވަގުތީ ނަތީޖާ ލިބުނުއިރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓް ލިބިފައިނުވާތީ، ލަންކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިފެރެންސް ވޯޓުވަނީ ގުނާފަ އެވެ.

އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިސެނަޔަކަ ކަން އިއުލާންކޮށްފަ އެވެ. މާދަމާ އޭނާ ވެރިކަމުގެ ހުވާކުރައްވާނެ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޑިސެނަޔަކަ އާއި އެންމެ ގާތުން ވާދަކުރެއްވީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އެވެ. ޕްރެމަދާސަ އަކީ ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފެއްދުމަށް ޒަމާންތަކެއް ވަންދެން ހަނގުރާމަކުރި ޓެމިލް ޓައިގާސްގެ ހަމަލާއެއްގައި އަވަހަރާކޮށްލި ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސަގެ ދަރިކަލުންނެވެ.