ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ގަތަރަށް ރާއްޖެއިން ކަނޑައަޅުއްވާ އާ ސަފީރުން ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު އެރުވީ ކުރީގެ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަށެވެ. އަދި ގަތަރުގެ ސަފީރުކަމަށް އައްޔަންކުރެއްވީ ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފެވެ. މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އާދަމް ޝަރީފަކީ ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އައްޔަންކުރެއްވި ފުރަތަމަ ސަފީރެވެ. ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ރާއްޖެއާ ގަތަރާ ދެމެދު 1984 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ނަމަވެސް، ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އެ ގުޅުން މެދުކަނޑާލި އެވެ. ނަމަވެސް، 2021 ވަނަ އަހަރު އަލުން ވަނީ ގުޅުން އިއާދަކޮށްފަ އެވެ.
ސަފީރުކަމަށް އައްޔަންކުރެއްވި ތޯރިގު އިބްރާހީމަކީ ރައީސް ވަހީދުގެ ދައުރާއި ރައީސް ޔާމީންގެ ދައުރުގައި އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މި ސަރުކާރު ފެށުނުއިރުވެސް އޭނާ ހުންނެވީ އެ މިނިސްޓްރީގަ އެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި އެވެ.
އާދަމް ޝަރީފަކީ ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މި ސަރުކާރުގެ ސިޓީސް މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވީ ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން އިސްތިއުފާ ދެއްވަން ރައީސް އެންގެވެމުންނެވެ.
މި ދެ ބޭފުޅުން މިއަދާ ހަމައަށް ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ. ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު
ކެނެޑާ ބަލިކޮށް ސްވިޒަލެންޑް އެއްވަނައަށް