ރައީސް މުހައްމަދު މުއިއްޒު އަންނަ މަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް މިމަހުގެ ތެރޭގައި ރައީސް އޮފީހުން ވެސް ވަނީ ބުނެފަ އެވެ. ރައީސް މިދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގަންނަވާނީ ދެ ގައުމުގެ ލީޑަރުންނަށްވެސް ފަސޭހަ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން އޮތީ ކުރިން ބުނެފަ އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު އިންޑިއާއަށް ދަތުރުކުރައްވަނީ އަންނަ މަހުގެ 7 އިން 9 އަށެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ އެންމެ އިސްވެރިންގެ މެދުގައި މުހިއްމު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މުހިއްމު ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ރައީސް މުއިއްޒު މިދިޔަ ޖޫން މަހު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.