އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް، އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ރައީސް ނިންމަވައިފި އެވެ.

ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރުމަހުގެ 6 ން 10 ށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރި އެވެ.

ރައީސް ވަނީ ތިމާވެށްޓާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލުކުރައްވާފަ އެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާ ބައްދަލުކުރައްވާފައިވެ އެވެ.

އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުންކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ރައީސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައިމިވަނީ މި ވެރިކަމުގެ ކުރީކޮޅު އިންޑިއާ ރާއްޖޭގެ ގުޅުން ހީނަރުވުމަށްފަހު، އަލުން ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާ ވަގުތެއްގަ އެވެ.