ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކޮށްފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ ނިންމުމުގެ އިސްތިއުނާފު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އެ މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން ނިންމީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ.

ހައި ކޯޓުގެ ނިންމުމުގައިވަނީ ޖިހާދަށް ޗިޓް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު 15 ދުވަސް ތެރޭގައި އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެ އެވެ. އެހެންވެ, ދައުލަތުން ހައި ކޯޓުގައި އެދިފައި އޮތީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަމުރުކޮށް ދިނުމަށެވެ.

ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުން ދޫކުރި ރެހެންދި ފްލެޓް މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ދައުލަތުން ކުރިން ދައުވާކުރި އެވެ. އެ މައްސަލަ އޮތީ އަނބުރާ ގެންގޮސްފަ އެވެ.