މީޑިއާ ކައުންސިލުން ނޫސްތަކަށް ފިޔަވަޅުނާޅާތީ އެކަން ބަލައިދިނުމަށް ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

އެ މައްސަލަ މިހާރު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. އެ ކޮމިޓީގެ މެމްބަރެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެ އޮފީހުން ހުށަހަޅާ މައްސަލަތައް ނުބަލާ ކަމަށް ރައީސް އޮފީހުގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެކަމާ ބެހޭގޮތުން ސުވާލުކުރުމަށް އެ މުއައްސަސާގެ މެމްބަރުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވާން މިހާރު އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކި މީޑިއާތަކާ ގުޅޭގޮތުން ރައީސް އޮފީހުން ވަނީ 75 މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފަ އެވެ. އޭގެތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މަޖިލިސް މެމްބަރުންނަށް ކޮންމެ މަހަކު ފައިސާ ބަހާކަމަށް ބުނެ އެކަމުގެ ހެއްކާއެކު އަދަދު ނޫހުން ތައްޔާރުކުރި "ބައިލައްކަ" ޑޮކިއުމެންޓްރީގެ މައްސަލަ ވެސް ހިމެނެ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ މީޑިއާ ވަރަށް ގާތް ގުޅުންތައް ބާއްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ. އެކަމަކު ބައެއް ނިވްސް ކޮންފަރެންސްތަކަށް ބައެއް މީޑިއާތަކަށް ފުރުސަތު ނުދެ އެވެ.

އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ވެސް އެތަކެއް ދުވަސް ވެއްޖެ އެވެ.