މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ދަ ނޮޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އެ ފައުންޑޭޝަނުން ބުނީ އެކި ދާއިރާތަކުން ދިވެހީންނަށް ތަމްރީނާއި މަތީތައުލީމުގެ ފުރުސަތުތަކަށް އަންނަ މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

ސްކޯލާޝިޕް ލިބޭ ފަރާތްތަކަށް ކަނޑައަޅާފައިވާ ޝަރުތަކީ މަދުވެގެން ތިން އަހަރު ރާއްޖެއަށް ހިދުމަތްކުރުމެވެ. އަންނަ އަހަރު 6-4 ސްކޯލާޝިޕް ދޭން ނިންމާފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

އެ ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީގެ އިތުރުން ދެކޮޅު ޓިކެޓު ހަރަދާއި މެޑިކަލް އިންޝުއަރެންސް އާއި ވިސާ އަދި ސްޓައިޕެންޑް ވެސް ދޭން ވަނީ ނިންމާފަ އެވެ.

އެ ފައުންޑޭޝަނުން ބުނިގޮތުގައި އެ ސްކޮލާޝިޕްތައް ފަހިކޮށްދިނުމުގެ މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ފަންނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމެވެ. އަދި ކިޔެވުން ނިމުމުން ވަޒީފާގެ ފުރުސަތު ހޯދައިދޭން އެ ފައުންޑޭޝަނުން މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.

އަންނަ އަހަރުގެ ސްކޮލާޝިޕްތައް ދޭ ދާއިރާތައް

މެޑިކަލް ސްޕެޝަލައިޒޭޝަން: މިއީ ދިވެހި ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމަށް ދެވޭ ފުރުސަތުތަކެކެވެ. މި ދާއިރާއިން ސްކޮލާޝިޕްގެ ފުރުސަތުތައް ދެނީ ރާއްޖެއަށް ސްޕެޝަލިސްޓުން ބޭނުންވާ ދާއިރާތަކުން އެކަންޏެވެ. މި ސްކޮލާޝިޕުން ތައުލީމު ހާސިލްކުރާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށް ފަހު މާލެ ސަރަހައްދު ނޫން ރާއްޖޭގެ އެހެން ސިއްހީ ހިދުމަތް ދޭ ތަނެއްގައި މަދުވެގެން އެއް އަހަރު މަސައްކަތްކުރުމަކީ ލާޒިމް ކަމެކެވެ.

މި ފުރުސަތުގައި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދެނީ މެލޭޝިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް، ބަންގްލަދޭޝް، އިންޑިއާ ނޫނީ ސްރީ ލަންކާގަ އެވެ.

ނޫސްވެރިކަމުގެ ދާއިރާ: މިއީ އަންޑަ ގްރެޖުއޭޓް ފެންވަރަށް ތައުލީމު ހާސިލްކުރުމަށް ދޭ ފުރުސަތެއް މިއީ ނޫސްވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރަން ހުޅުވާލާ ފުރުސަތެއް މި ފުރުސަތުގައި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދެނީ މެލޭޝިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް، ބަންގްލަދޭޝް، އިންޑިއާ ނޫނީ ސްރީ ލަންކާގައި.

ކޮމާޝަލް ކުކަރީ: މި ސްކޮލާޝިޕްގެ ދަށުން ކޮމާޝަލް ކުކަރީގެ ސެޓްފިކެޓް ލެވެލް 3އަށް ކިޔަވަން ފުރުސަތު ލިބޭނެ އެވެ. މި ސްކޮލާޝިޕްގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނާއި ތައުލީމު ލިބިފައިވާ ގާބިލް ދިވެހިން ނެރުމެވެ.މި ސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ ސްރީލަންކާގަ އެވެ.

އެއާކްރާފްޓް އިންޖިނިއަރިން: މިއީ އޭވިއޭޝަން ދާއިރާއަށް ދިވެހިން ނެރެން ދޭ ފުރުސަތެއް މި ސްކޮލާޝިޕް ހުޅުވާލާފައިވަނީ މެލޭޝިޔާގެ 'ޔުނިކޭއެލް' އިން ދެ އަހަރުގެ މުއްދަތަކަށެވެ.