މަޝްހޫރު ކޭޕޮޕް ބޭންޑު ބީޓީއެސްގެ މެމްބަރެއް ކަމަށްވާ ޖޭހޯޕް އޭނާގެ އަސްކަރީ ހިދުމަތް ނިންމާލުމަށްފަހު އާއްމު ދިރިއުޅުމަށް އައިސްފި އެވެ.

އަސްކަރިއްޔާގައި 18 މަސް ދުވަހުގެ ހިދުމަތް ފުރިހަމަކުރި ޖޭހޯޕްއަކީ ބީޓީއެސްގެ މެމްބަރުންގެ ތެރެއިން އަސްކަރީ ހިދުމަތް ފުރިހަމަކުރި ދެވަނަ މެމްބަރެވެ.

މީގެ ކުރިން އެ ބޭންޑުގެ އެންމެ ދޮށީ މެމްބަރު ޖިން ވަނީ ޖޫން މަހު އޭނާގެ އަސްކަރީ ހިދުމަތް ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސްފަ އެވެ.

ކޮރެއާގެ ވޮންޖޫ އަވަށުން ޖޭހޯޕް އަސްކަރީ ހިދުމަތާ ވަކިވިއިރު އެ ތަނަށް ބީޓީއެސްގެ ޖިންއާއި އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ ތިއްބެވެ.

އެ އެންމެންނާ މުހާތަބުކޮށް ޖޭހޯޕް ބުނީ ވަރަށް ގިނަ ބައެއްގެ ހެޔޮ ދުއާއާއެކު ފުރިހަމަ ސިއްހަތެއްގައި ހުރެ އަސްކަރީ ހިދުމަތް ނިންމާލެވިފައިވާ ކަމަށެވެ.

ބީޓީއެސްގެ އެންމެ ފަހު ހަތަރު މެމްބަރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަސްކަރީ ހިދުމަތާ ގުޅުނުއިރު އެ ބޭންޑު އަލުން އެކީގައި ފެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

ދެކުނު ކޮރެއާގައި 18 އަހަރާއި 28 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު ހުރިހާ ފިރިހެނުން އަސްކަރިއްޔާއަށް ދޮޅު އަހަރު ހިދުމަތް ކުރުމަކީ އެގައުމުގެ ގާނޫނު ލާޒިމުކުރާ ކަމެކެވެ.

އެހެން ނަމަވެސް ބީޓީއެސްގެ ސަބަބުން ދެކުނު ކޮރެއާއަށް ލިބުނު މަގުބޫލުކަމާއެކު އެ ގައުމުގެ ސަރުކާރުން ވަނީ އެ ބޭންޑުގެ މެމްބަރުން އެ ހިދުމަތް ފުރިހަމަ ކުރުމުގައި ލުއި ފަސޭހަތަކެއް ވެސް ދީފަ އެވެ.