ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ކުރީގެ ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ އިސްރާފުތައް ގިނަވެ، ބަޖެޓް ހުސްވުމުން ކަމަށް ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި މާލީ ހިސާބުތަކެއް ރެކޯޑުނުކޮށް އަޕްޑޭޓް ކުރަމުން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން އަޅާނެ ފިޔަވަޅެއް ބެލުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ ލަފައެއް ހޯދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމިކަން ވެސް މިނިސްޓަރު އިއުލާން ކުރެއްވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި އަމީރު ވިދާޅުވީ އޮޅުވާލުންތައް އޮޅުވާނުލައި ވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅިދާނެ ކަމަށެވެ. އަމީރު ތުހުމަތު ކުރަނީ އެއީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ވެގެން މި ސަރުކާރުން ހެދި ގޯސްތައް ފޮރުވަން ކުރީގެ ސަރުކާރޭ ކިޔައިގެން ވާހަކައެއް ފަތުރަނީ ކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް އަހަރެއް ވެގެންދާއިރު ހިންގުނު އެއްވެސް ތަރައްގީގެ މަޝްރޫއެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ގިނަ ހަރަކާތްތައް ހުއްޓިއްޖެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ރަށް ރަށުގެ އިގްތިސާދުތައް ހުއްޓި މަސްވެރިން ބިކަވެއްޖެ ކަމަށާއި ސަރުކާރުން މާލީ ތަފާސް ހިސާބުތައް ޝާއިއު ނުކޮށް އުޅެނީ، އެއްވެސް މަޝްރޫއެއް ނުހިނގާ އިރުވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ، އަސްލު ހަގީގަތް އޮޅުވާލަން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވިގޮތުގައި 49.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވިއިރު ހާލަތައް ހެޔޮ ބަދަލެއް އައީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނި ތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނި ކަމަށެވެ.

ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން އެތައް ބިލިއަން ރުފިޔާ ދައުލަތުން ސަލާމަތްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.