އެއާޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭސީއައި)ގެ "އެއާޕޯޓް އެކްސެލެންސް (އެޕެކްސް) އިން ސެކިއުރިޓީ" ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަށައިފި އެވެ.
މިއެސެސްމަންޓް ފެށުމުގެ ގޮތުން މިއަދު ނޫވިލު ސީޕްލޭން ޓާރމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަމްއާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު، އޭ.ސީ.އައިގެ އެޕެކްސް ޓީމް ލީޑަރ ގޭރީ ބައުޑަން އަދި އެމްއޭސީއެލްގެ އިސްބޭފުޅުންނާއި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
"އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމްގެ މަޤުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތްބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ. މި އެސެސްމަންޓް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ވީއައިއޭ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުންވެސް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ ކަމަށެވެ. އަދި މި އެއާޕޯޓުގެ ހިދުމަތްތައް ހޯދާ އެއަރލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމްއޭސީއެލްއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީވެސް މިފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.
އެޕެކްސް ސެކިއުރިޓީ އެސެސްމަންޓުގެ ސަބަބުން އެއަރޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީ.އައި.އޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި އެސެސްޓްމެންޓް ކުރިއަށްގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގަ އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށެވެ. އެގޮތުން، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭސީއައި)، އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެއަރޕޯޓް އޮޕަރޭޝަންސްއާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ.