ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު ވަކިކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި ލިޔުއްވި މެސެޖެއްގައި ޒިޔާއު ވިދާޅުވީ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޕާލަމެންޓަރީ ސާވިސް ގަވާއިދާ ޚިލާހަށް އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގްސަދުގައި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން ޒާތީ ހަސަދަވެރިކަމެއް ފިލުވުމަށް ކަމަށެވެ.

"ޚާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެމެވެ،" ޒިޔާއު ވިދާޅުވި އެވެ.

ޒިޔާއު ވިދާޅުވީ ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް އެންގުމުން އޭނާ އެކަމަށް ދެކޮޅު ހަދާފައިވާތީ ވަޒީފާއިން ވަކިކުރީ ކަމަށް ދެކޭ ކަމަށެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.