މި އަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯޑަށް އިންސާފުކުރި ފަނޑިޔާރުން މިއަދު ރައީސް އޮފީހަށް ގެންދިޔަ ފަހުން، އެވޯޑު ދެވުނު ގޮތް ގޯސްވެގެން ބަޔާނެއް ނެރެފި އެވެ.
އެވޯޑު ދެވުނު ގޮތް ގޯސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމައަށް އެމަނިކުފާނު ހެދި އިހާނެތިގޮތުގެ ހެއްކާއެކު އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަށް އެވޯޑުދިނުމާ ގުޅިގެނެވެ. މިކަމާ ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ ޕީއެސްއެމްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުން، އޭނާގެ ރާގު ބަދަލުކޮށް ބަޔާނެއް ނެރުމުން ވަނީ ވަޒީފާ އިޔާދަކޮށްދީފަ އެވެ.
ރައީސް މުއިއްޒުގެ ދޮންމަންމައަށް އިހާނެތިކޮށް ހެދި ކަމުގެ ފުރިހަމަ ހެއްކާއެކު އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކީ ނޫސްވެރިކަމުގެ އެތިކްސްއާ ހިލާފު އެއްޗެއް ކަމަށް މީޑިއާ ކައުންސިލުން ކަނޑައަޅާފައެއް ނުވެ އެވެ. އަދި އެ ޑޮކިއުމެންޓްރީގައި އެކަމުގެ ފުރިހަމަ ހެކި ކަމާބެހޭ އިދާރާތުގެ ރަސްމީ ބަހާއެކު ގެނެސްދީފައިވެ އެވެ. އެ ޑޮކިއުމެންޓްރީއަށް މުއިއްޒުގެ ބަހެއް ހޯދަން ހަފުތާއެއް ވަންދެން އަދަދު ނޫހުން މަސައްކަތް ކުރި އެވެ. ނަމަވެސް މުއިއްޒު އެއްވެސް ކޮމެންޓެއް ނުކުރެއްވި އެވެ.
އެ ޑޮކިއުމެންޓްރީ ނެރުމުން ހަމައެކަނި އޭރު މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ދޮގެއް ކަަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ދެއްވާފައެއްނުވެ އެވެ.
އެ ޑޮކިއުމެންޓްރީއަށް މާކްސްދީފައި ވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރާ ކުރީގެ ނޫސްވެރިޔާ އަބްދުﷲ އަޒްމީނާއި އެމްއޭސީއެލްގެ މީޑިއާގައި މަސައްކަތް ކުރާ ކުރީގެ ނޫސްވެރިޔާ ޝަމްއާން ޝާކިރުގެ އިތުރުން މީޑިއާ ދާއިރާގައި ވީޑިއޯ ކޮންޓެންޓް ހެދުމުގެ ތަޖުރިބާހުރި އަޝްވާ ފަހީމެވެ. އެ ހުށަހެޅުމަށް އެވޯޑް ދީފައި ވަނީ ފަނޑިޔާރުން ނިންމި ނިންމުމުން މަތީ މާކްސް ލިބިގެންނެވެ. އޭރު އެ ހުށަހެޅުމަކީ އެތިކްސްއާ ހިލާފު އެއްޗެއް ކަމަށް އެ ބޭފުޅުން ވިދާޅެއް ނުވެ އެވެ.
އެ އެވޯޑު ދިނުމުން އެކަމާ ހިތްހަމަނުޖެހިގެން މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާއަށް ނުފޫޒުފޯރުވުމަށްޓަކައި ޕީއެސްއެމްގައި އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށް ބިރުވެރިކަމެއްގެ ތެރޭގައި ބެހެއްޓުމަށްފަހު އަލުން ވަޒީފާ ދިންފަހުން ސަރުކާރާ އެއްކޮޅަށް އޭނާ ވެސް ވަނީ މިރޭ ބަޔާނެއް ނެރެފަ އެވެ.
އެއަށްފަހު ކުއްލިގޮތަކަށް އެ ފަނޑިޔާރުން މިއަދު ރައީސް އޮފީހަށް ގެންދިޔަފަހުން، ރައީސް މުއިއްޒުގެ ދޮންމަންމައަށް އިހާނެތިގޮތްތައް ހެދިކަމުގެ ހެއްކާއެކު ގެނެސްދިން ޑޮކިއުމެންޓްރީ ނޫސްވެރިކަމުގެ އެތިކްސްއާ ހިލާފު ކަމަށް ބުނެ ބަޔާނެއް މިރޭ ނެރުނެވެ.
އެ ބޭފުޅުންގެ ބަޔާނުގައި ވަނީ ސްކީލާން ޑޮކިއުމެންޓްރީ މީޑިއާ ކައުންސިލަށް ބަލައިގެންފައި ވަނީ ބަލަންވާވަރަށް ނުބަލައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެވޯޑް ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލަށް ހުށަހަޅާ ހުށަހެޅުންތައް ޑިސްކޮލިފައި ކުރުމުގެ ބާރު ދީފައި ވަނީ ހަމައެކަނި ފަނޑިޔާރުންނަށެވެ.
ހަމަ ތާކުންތާކު ނުޖެހޭ ސޯކްލީނު އޯމޯ ގެ ވާހަކަ