މީޑިއާ ކައުންސިލުން މިފަހަރު އަދަދު ނޫހަށް ދިން އެވޯޑާ ގުޅިގެން ކުރިމަތިވި މައްސަލަތަކެއްގައި ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރި މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ވަޒީފާގެ ދިފާއުގައި ބަޔާނެއް ނެރެފި އެވެ.

މިފަހަރުގެ އެވޯޑުގެ މައްސަލަ ހޫނުވީ ރައީސް މުހައްމަދު މުއިއްޒުގެ ދޮންމަންމަ އާމެދު އަމަލުކުރި އިހާނެތި ގޮތްތަކާ ބެހޭ ގޮތުން ހެދި ތަހުގީގީ ޑޮކިއުމަންޓްރީއަށް މީޑިއާ ކައުންސިލުން ދިން އެވޯޑާ ގުޅިގެންނެވެ.

އެ އެވޯޑު އަދަދު ނޫހަށް ދިނުމާ ގުޅިގެން ސަރުކާރަށް ހަޖަމުނުވެގެން މީޑިއާ ކައުންސިލްގެ ރައީސް މުސްތަފާ ކުއްލި ގޮތަކަށް ރޭ މަގާމުން ވަކިކުރި އެވެ. އަދި ސަރުކާރާއެކު ހެދި ޑީލަކަށް ފަހު މުސްތަފާ މިރޭ ނެރުނު ބަޔާނެއްގައި ވަނީ އޭނައާ ގުޅޭގޮތުން ކައުންސިލް މެމްބަރު އަލީ ނިޝާން ކޮށްފައިވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ޖަލްސާގައި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އިނާމު ލިބޭ ފަރާތްތަކާއި ނޮމިނޭޓްވެފައިވާ ފަރާތްތައް އޭނާއަށް އެނގިފައިނުވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ޕީއެސްއެމް އިން ރޭ ނެރުނު ބަޔާނަށް ތާއީދުކޮށް މުސްތަފާ ވިދާޅުވީ އެ ހަފްލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދައްކާފައިވާ ކަމަށެވެ. މުސްތަފާ އެ ވިދާޅުވާ ވީޑިއޯއަކީ ތަހުގީގީ ނޫސްވެރިކަމުގެ އޯޑިއޯ ވީޑިއޯ ކެޓަގަރީއަށް ނޮމިނޭޓްވި އަދަދު ނޫހުގެ ސްކީލާން ޑޮކިއުމެންޓްރީގެ ނޮމިނޭޝަން ވީޑިއޯގެ ވާހަކައެވެ. އެ ވީޑިއޯއިން ފެންނަނީ ރައީސް މުއިއްޒުގެ ބައްޕަ އާއި ދޮންމަންމަގެ ފޮޓޯއެވެ. އެ ފޮޓޯ ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފުވިގޮތެއް މުސްތަފާއަކަށް ބުނެ ނުދެވެ އެވެ.

މުސްތަފާގެ ވާހަކަތައް ދޮގުކޮށް ކައުންސިލް މެމްބަރު އަލީ ނިޝާން "ހުރިހާ"އަށް ވިދާޅުވީ އެ ދާއިރާގެ ނޮމިނީސްގެ ވީޑިއޯއަށް ބަދަލެއް ގެންނަން ޕެންޑްރައިވެއްގައި ގެނައީ މުސްތަފާ ކަމަށެވެ. އަދި އެކަން އުމަރު ޒާހިރު އޮފީސް ބިލްޑިންގްގައި ހުރި ކެމެރާތަކުން ވެސް އެނގެން ހުންނާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.

"މިކަމުގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓް ޗެކްކުރުމުގެ އެސްއޯޕީ އޮތީ ފެއިލްވެފައި. އިވެންޓްތައް ލައިވްކުރާއިރު ޑިލޭ އަދި ކޮންޓެންޓް ޗެކްކުރި މީހެއް ވެސް ނެތް،" ޕީއެސްއެމްގެ އިހުމާލު ވަރަށް ބޮޑުކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވި އެވެ.

އެ ބަޔާން ނެރެން އެއްބަސްވުމުން މުސްތަފާގެ ވަޒީފާ ޕީއެސްއެމް އިން ވަނީ އިޔާދަކޮށްދީފަ އެވެ.

މުސްތަފާ ވަޒީފާގެ ދިފާއުގައި ބަޔާނެއް ނެރުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.