ކަސްރަތު ކުރުމަކީ ހަމައެކަނި ބަރު އުފުލައިގެން ޖިމްގައި އުޅުން ނޫން ކަމަށާއި، އުމުރުގެ ކޮންމެ މަރުހަލާއެއްގައިވެސް ހަށިގަނޑު ހަރަކާތްތެރިކޮށް ބެހޭންޖެހޭ މިންވަރެއްވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެ އެވެ.
ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނަށް ކަސްރަތު ބޭނުންވާ މިންވަރު އުމުރާ ގުޅިގެން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އުމުރުފުރާއާ އެކަށީގެންވާ ކަސްރަތުގެ ގައިޑްލައިންއެއް އެ ޖަމިއްޔާއިން ވަނީ އާއްމު ކޮށްފަ އެވެ.
1. ކުޑަކުދިންނާއި ޒުވާނުން (އުމުރުން 5 އާއި 17 އަދި ދެމެދު)
ބޭނުންވާ މިންވަރު: ކޮންމެ ދުވަހަކު މަދުވެގެން 60 މިނެޓުގެ މެދުފަންތީގެ ނުވަތަ ބާރު ސްޕީޑުގެ ކަސްރަތު ބޭނުންވެ އެވެ. މީގެ އިތުރުން ހަފުތާއަކު މަދުވެގެން ތިން ދުވަހު މަސްތަކާއި ކަށިތައް ވަރުގަދަ ކޮށްދޭ ފަދަ ހަރަކާތްތައް ކުރަންޖެހެ އެވެ.
މިސާލު: ސައިކަލު ދުއްވުން، ފަތަން ދިއުން، ދުވުން، ސްކިޕިންގް ކުޅުން ނުވަތަ ޖިމްނާސްޓިކްސް ފަދަ ހަރަކާތްތައް. މިއީ ހަށިގަނޑުގެ ކަށިތައް ވަރުގަދަވެ، ނަފްސާނީ ދުޅަހެޔޮކަމާއި ނިދި ރަނގަޅު ކޮށްދޭ ކަމެކެވެ.
2. ބޮޑެތި މީހުން (އުމުރުން 18 އާއި 64 އަދި ދެމެދު)
ބޭނުންވާ މިންވަރު: ހަފުތާއަކު 150 މިނެޓާއި 300 މިނެޓާ ދެމެދުގެ މެދު ފަންތީގެ ކަސްރަތު، ނުވަތަ 75 މިނެޓާއި 150 މިނެޓާ ދެމެދުގެ ބާރު ސްޕީޑުގެ ކަސްރަތު (ކާޑިއޯ) ކުރުން ލާޒިމެވެ. މީގެ އިތުރުން ހަފުތާއަކު މަދުވެގެން ދެ ދުވަހު މައިގަނޑު މަސްތައް ވަރުގަދަ ކުރުމުގެ ކަސްރަތު (ސްޓްރެންތު ޓްރެއިނިންގް) ކުރަންޖެހެ އެވެ.
މިސާލު: ހަލުވިކޮށް ހިނގުން، ސިޑިން އެރުން، ބަރު އުފުލުން، ނުވަތަ ބޮޑީ ވެއިޓް ކަސްރަތު (ޕުޝް-އަޕް، ސްކުއަޓްސް) ކުރުން. މިފަދަ ކަސްރަތުތަކުން ހަށިގަނޑުގެ މަސްތައް ރައްކާތެރި ކޮށްދީ، މެޓަބޮލިޒްމް ރަނގަޅުކޮށްދެ އެވެ.
3. އުމުރުން ދުވަސްވީ މީހުން (އުމުރުން 65 އަހަރުން މަތި)
ބޭނުންވާ މިންވަރު: ބޮޑެތި މީހުންނެކޭ އެއްފަދައިން ހަފުތާއަކު 150-300 މިނެޓުގެ ކާޑިއޯ ކަސްރަތާއި، ހަފުތާއަކު ދެ ދުވަހު މަސްތައް ވަރުގަދަ ކުރުމުގެ ކަސްރަތު ކުރަންވާނެ އެވެ. މީގެ އިތުރުން ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމުގެ ކަސްރަތު ހަފުތާއަކު ތިން ދުވަހު ނުވަތަ އެއަށްވުރެ ގިނައިން ކުރަން ލަފާދެ އެވެ.
މިސާލު: ޔޯގާ ކުރުމ، ޓައި-ޗީ ފަދަ ކަސްރަތުތަކާއި، އެކަނި ކޮޅަށް ހުރުމުގެ ކަސްރަތުތައް. މިއީ އުމުރުން ދުވަސްވުމުން ދިމާވާ ވެއްޓުމުގެ ނުރައްކާތަކުން ސަލާމަތް ވުމަށާއި، މިނިވަންކަމާއެކު އުޅުމަށް އެހީވެދޭ ކަންކަމެވެ.
ކަސްރަތު ކުރުމަކީ ބޮޑު ހަރަދެއް ކޮށްގެން ނުވަތަ ގިނަ ވަގުތުތަކެއް ހޭދަ ކޮށްގެން ކުރަންޖެހޭ ކަމެއް ނޫނެވެ. ޑަބްލިއުއެޗްއޯގެ މައިގަނޑު ނަސޭހަތަކީ "އެއްވެސް ވަރަކަށް ކަސްރަތު ނުކުރުމަށްވުރެ ކުޑަ މިންވަރަކަށް ނަމަވެސް ހަށިގަނޑު ހަރަކާތްތެރި ކުރުން މާ ރަނގަޅު" ކަމެވެ.
ކޮންމެ ދުވަހަކު ފިނި ފެނުން ފެންވެރުމުން މެޓަބޮލިޒަމް ރަނގަޅުވޭ؟
ފްރާންސް މުޒާހަރާ ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުވެއްޖެ
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ