ސަރުކާރުތަކުން ވިޔަފާރިއާ ގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތައް ގެންނަންވާނީ އެފަދަ ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑޮލަރު މާރުކުރުން މަޖުބޫރުކުރުވުމުގައި ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން އެކްސްގައި ޝާހިދު ވިދާޅުވީ ބޭރުފައިސާއާ ބެހޭ ގަވާއިދާއި މަނީޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން ފެންނަނީ އެންމެ ބޮޑު ސިނާއަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމަށެވެ.

އޭނާ ވިދާޅުވީ އިގްތިސާދުގެ މައިބަދައަކީ ކޮންމެ ގައުމެއްގައިވެސް ރައްޔިތުންގެ ތެރެއިން އުފެދިގެންއަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރީއާއި ގުޅުންހުރިސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތިވިޔަފާރިތަކަށް ގެއްލުން ނުވާނެގޮތަށް ކަމުގައިދެކޭ ކަމަށެވެ. އަދި އެފަރާތްތަކާ މަޝްވަރާކޮށް ގޮތްނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ސިޔާސީގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާއަތެއް ފުނޑާލުމަކީ އަދި ރައްޔިތުންގެ ފަޅިއަށް އެރުމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު އެ ރިސޯޓުން ރާއްޖޭގެ ބޭންކުތަކަށް މަރުކުރުން ލާޒިމްކޮށް އެމްއެމްއޭއިން ނެރުނު ގަވާއިދަށް އަމަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ކަންބޮޑުވުންފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިޔަފާރިވެރިން އަންނަނީ އެމްއެމްއޭއަށް އަންގަމުންނެވެ. ވިޔަފާރިވެރިން ވިދާޅުވަނީ އެފަދައިން އަމަލުކުރުމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.