މި ދުވަސްވަރު މި މުޖުތަމައުގައި އެންމެ ގަދައަށް ކުރެވޭ ބަހުސަކީ ސަރުކާރުން ދިވެހި ރާއްޖެއަށް ވޭޕް އެތެރެ ކުރުން މަނާ ކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ކުރެވޭ ބަހުސެވެ.
އެއްބަޔަކު އެ ނިންމުމާ ދެކޮޅަށް ވަކާލާތު ކުރާއިރު އަނެއްބަޔަކު ދެކޭ ގޮތުގައި މިއީ ރަނގަޅު ނިންމުމެކެވެ. ސިއްހީ ގޮތުން ބަލާއިރު ވެސް އެއީ ރަނގަޅު ނިންމުމެއްކަން ދިރާސާތަކުން އެނގެ އެވެ.
އީ- ސިނގިރެޓް ނުވަތަ ވޭޕް ސިނގިރޭޓަކީ އެއިން އެއްވެސް ގެއްލުމެއް ނުލިބޭ އެއްޗެއްކަމަށް ގިނަ ޒުވާނުންނަށް ހީވެފައި އޮވެ އެވެ. އެހެންނަމަވެސް ހަޤީގަތަކީ އެއެއް ނޫނެވެ.
އީ- ސިނގިރޭޓަކީވެސް ސިއްޙީ ގޮތުން ރަގަޅު އެއްޗަކަށް ނުވާއިރު އެއިން ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން އެއީ ހިތާއި ފުއްޕާމޭގެ ބަލިތަކަށް މަގުފަހި ކުރުވާ ސިކުނޑިއަށް ވެސް ގެއްލުން ދޭ އެއްޗެކެވެ.
ޙާއްސަކޮށް މާބަނޑު މީހުންނަށް މީގެން ކުރާ އަސަރު ބޮޑެވެ. މިފަދަ ސިނގިރޭޓްތަކަކީ އާދައިގެ ސިނގިރޭޓް އާއި ތަފާތުކޮށް ބެޓެރި ބޭނުންކުރެވޭ އެއްޗަކަށް ވީނަމަވެސް ކުރެވެނީ ހަމަ އެއް ބޭނުމެކެވެ.
ދުންފަތް އެންދުމުގެ ބަދަލުގައި އީ-ސިނގިރޭޓްގައި ހުންނަނީ ނިކޮޓިން އާއި ތަފާތު ކެމިކަލްތައް އަޅާފައި ހުންނަ ކާޓްރިޖެކެވެ. އެހެންކަމުން މިސިނގިރޭޓް ބޭނުންކުރުމުން އޭގައި ހުންނަ ތެތް ކެމިކަލްތައް ވޭޕް ނުވަތަ ސްޓީމް އަށް ބަދަލުކޮށްލަ އެވެ. އަދި އެތަކެތި ހަށިގަނޑުގެ ތެރެއަށް ދިޔުމަށްފަހު ދުމުގެ ގޮތުގައި ބޭރުކޮށްލަ އެވެ.
މި ސިނގިރޭޓްގައި ގިނަ އަދަދަކަށް ނިކޮޓިން އެކުލެވިފައި ހުރުމުގެ ސަބަބުން ދިގު މުއްދަތުގައި އެއަށް ދެވިހިފުމަކީ ވެސް ގާތް ކަމެކެވެ.
އީ-ސިނގިރޭޓަކީވެސް އޭގައި ތަފާތު އެކި ކަހަލަ ނުރައްކާތެރި މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންނަމަވެސް އެކި ބްރޭންޑްގައި ހުންނަ ނިކޮޓިން އާއި ކެމިކަލްތައް ތަފާތުވެ އެވެ.
އެހެންކަމުން ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް މުޖުތަމައުގެ ދުޅަހެޔޮކަމަށް ވިސްނާނަމަ މިއީ ރަނގަޅު ނިންމުމެއް ކަމަށް ބުނެވިދާނެ އެވެ.
އެހެން ނަމަވެސް ވޭޕްއާ އެއްވަރަށް އާދައިގެ ސިނގިރޭޓަކީ ވެސް ނުރައްކާތެރި ބާވަތަކަށްވާއިރު ހަމައެކަނި ވޭޕް މަނާކުރުމަކީ ރަނގަޅު ގޮތްތޯ ސުވާލު ކުރެވެ އެވެ.