ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކުނި އުކުން ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކުރަން ފިނޭންސް މިނިސްޓްރީން އެމްއޭސީއެލްއަށް އަންގައިފި އެވެ.

ވީއައިއޭގެ ކުކުނި އުކަން ދުވާލަކު 250،000 ރުފިޔާ އަށް "އައި އެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކަ އެމްއޭސީއެލް އިން ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފަ އެވެ.

އެމްއޭސީއެލް އިން އެ ނިންމުން ނިންމީ ވެމްކޯއިން ކުނި އުކައިދޭ އަގު ބޮޑުކުރުމުން ދެ ކުންފުންޏަށް އާ އަގަށް އެއްބަސްނުވެވި ހިދުމަތް ހުއްޓުމުންނެވެ. ވެމްކޯއިން އެދުނީ ކުނި ޓަނަކަށް ނަގަމުން ދިޔަ އަގު 2،060ރ. އަށް ބޮޑު ކޮށްދިނުމަށެވެ.

އަމިއްލަ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމުން އެކި ތުހުމަތުކޮށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެ އެއްބަސްވުން ބާތިލްކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެމްއޭސީއެލްއަށް އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް ސޮއިކުރައްވައި މިދިޔަ ހޮނިހިރު ދުވަހު އެމްއޭސީއެލްއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އިކޮނޮމިކް ކައުންސިލުން މިދިޔަ މޭ މަހުގެ ތެރޭގައި ވެކްކޯއިން އުކާލާ ސަރުކާރުގެ ހުރިހާ ކުންފުންޏެއްގެ ކުންޏަށް ނަގާ އަގަކީ ޓަނަކަށް 2،660 ރުފިޔާ ކަމުގައި ހަމަޖެއްސުމަށް ކަމަށެވެ.

"އިކޮޮނޮމިކް ކައުންސިލްގެ ނިންމުމާ އެއްގޮތަށް ތިޔަ ކުންފުނީގެ ކުނި މެނޭޖްކުރުމުގެ އެންމެހާ މަސައްކަތްތައް ކަނޑައެޅިފައިވާ ރޭޓުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ،" ފިނޭންސް މިނިސްޓްރީގެ ސިޓީގައިވެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ފަތުރާފައިވެ އެވެ. ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.