ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައިގައި ސަރުކާރުން ފަށާފައިވާ ތަހުގީގު އިންސާފުވެރި ނުވާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތި ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުން ފެންނަނީ ސިޔާސީވެފައިވާ މަންޒަރު ކަމަށާއި އެ މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ހިންގާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ މައްސަލައިގައި ފުލުހުން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ހައުސިން މިނިސްޓްރީގެ ކުރީގެއާއި މިހާރުގެ މުވައްޒަފުންނާ ވެސް ގުޅުމެއް ވޭތޯ ބަލާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެ ތަހުގީގަށް ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ހިމެނެ އެވެ.
އެމްޑީޕީން ފުލުހުންގެ ތަހުގީގާއި މެދު ސުވާލު އުފައްދާފައި މިވަނީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި އެ ލިޔުންތައް ދީފައިވަނީ ކުރީ ސަރުކާރުން ކަމަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ބުނެފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.
ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރައީސް އޮފީހުގެ ލީގަލް އެފެއާސްގެ ކުރީގެ އަންޑަ ސެކްރެޓަރީ އަޙްމަދު މައުރޫފް ވިދާޅުވީ މި މައްސަލައިގައި ފުލުހުން އަމަލުކުރަނީ މީގެ ކުރިން މިފަދަ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ގެންދާ މީހަކު ދޮގު ވެސް ހަދައިފާނެ ކަމަށާއި އެއީ ހަގީގަތެއް ކަމަށް ދެކިގެން ފުލުހުން އާންމުންގެ ތެރޭގައި އެ ވާހަކަ ދެއްކުމަކީ ކުށްވެރިކުރާ ކަމެއް ކަމަށެވެ.
މައުރޫފް ވިދާޅުވީ ސައްހަ ނޫން ލިޔެކިޔުން ހަދާފައިވާތީ ފުލުހުން ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ލިޔުމުގެ ސައްހަކަން ފޮރެންސިކް ތަހުލީލުން ދެނެގަތުން ކަމަށެވެ. އެކަމަކު އެކަން ފުލުހުން ނުކޮށް ކުރީގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އިލްޒާމުތައް އެޅުވީ މިހާރު ފެންމަތިވެގެން އުޅޭ ސައްހަ ނޫން ލިޔުންތަކަކީ މިސަރުކާރުގައި އުފައްދާފައިވާ ތަކެތިކަން ފުލުހުންނަށްވެސް އެނގޭތީ ކަމަށެވެ.
ފަޒީލްގެ ދިން މައުލޫމާތާއި ގުޅިގެން ފުލުހުން ބުނީ ކުރީގެ ސަރުކާރުން ބިންވެރިޔާ ސްކީމު ހިންގުމަށް އިސްކޮށް ހުންނެވި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ބައްދަލުކުރުމުން އޭރު ދީފައިވާ ލިޔުމެއް ކަމަށެވެ.
ފުލުހުންގެ މި ތުހުމަތާ ގުޅިގެން އަކްރަމް ވިދާޅުވީ ދުވަހަކުވެސް އޭނާއާ ފަޒީލްއާ ބައްދަލުވެފައި ނެތް ކަމަށެވެ. އަދި ފަޒީލް އަތުގައި އޮތް ލިޔުމުގެ ފޮރެންސިކް ތަހުލީލެއް ނުހަދައި ފަޒީލް އަތުގައި އޮތް ލިޔުމަކީ ކުރީ ސަރުކާރުން ދިން ލިޔުމެއް ކަމަށް ހަދައި ފުލުހުން ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެޗްޑީސީ ތެރޭގައި ފަޒުލް އިސްވެ ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކަކީ ރައީސް މުއިއްޒަށް އެނގިވަޑައިނުގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
އަނަސް އެހެން ވިދާޅުވީ އެޗްޑީސީގެ ޗެއާމަނަކަށް މިސަރުކާރުގައި ފުރަތަމަ އައްޔަންކުރެއްވި އަހްމަދު ޒުހޫރު، ރައީސް މުއިއްޒަށް އެޑްރެސް ކުރައްވާ މިއަހަރުގެ ޖުލައި އެއްވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީއަކާ ހަވާލާދެއްވަ އެވެ.
ޒުހޫރުގެ ސިޓީ ސޯޝަލްމީޑިއާގައިވެސް މިހާރު އާންމުވެފައިވާއިރު އެ ސިޓީގައި ޒުހޫރު ވަނީ ވަރަށް ތަފްސީލްކޮށް އެޗްޑީސީގެ ތެރޭގައި ހިންގަމުން ގެންދިޔަ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.
ޒުހޫރުގެ ސިޓީގައި ހިމެނޭ ވާހަކަތަކަށްފަހު އޭނާ މަގާމުން ވަކިކުރެއްވުމާ ގުޅިގެން އަނަސް ވިދާޅުވީ ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ކޮރަޕްޝަން ހިންގާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އެފަދަ އަމަލުތައް ހިންގާ ބޭފުޅުންނަށް ފިޔަވަޅު އަޅައި މަގާމުތަކުން ވަކިކުރައްވާނެ ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު އަމަލުކުރެއްވީ ދިމާ އިދާކޮޅަށްކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ ކޮރަޕްޝަންގެ މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ ބޭފުޅުންނަށް ރައީސް މުއިއްޒު އެ ފުރުސަތު ދޭން ބޭނުން ނުވާކަން ޒުހޫރުއާ މެދު އަމަލުކުރެއްވި ގޮތުން އެނގޭ ކަމަށް އަނަސް ވިދާޅުވި އެވެ.
އިބޫ ސަރުކާރުގަވެސް ގޯތީގެ ދިނުމުގަ އިންސާފެއްނޫން މިހާރު ކިހިނެއްއިންސާފުފާނީ އޮލުން ބޮޅުންއަރުވާފަ އޮތީ ދެސަރުކާރުންވެސް
ރިޕްލައި