ކުޑަކުދިން ނިދާފައި ތިއްބައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޭގެއަށް ވަނުމަކީ ތަހުޒީބީ މުޖުތަމައުތަކުގައި ކަންކުރާގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ދިރިއުޅުއްވާ ގެއަށް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަން މައްސަލައަށް އިޝާރާތް ކުރައްވަ އެވެ.
ޔާމީން ވިދާޅުވީ އާރްޑީސީއާ ގުޅޭ މައްސަލަ ފެންމަތިވިތާ 14 މަސް ވެފައިވާއިރު، ދަންވަރުގެ ވަގުތުގައި އެ މައްސަލައާ ގުޅިގެން ގޭގެއަށް ވަންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އެއީ ސާދަ މަސް ދުވަސް ވެއްޖެ ކަމެއް އިނގޭތޯ. އެހެންވީމަ މިރޭ އަޅުގަނޑު ހަމަ ފުލުހުންނަށް އިލްތިމާސްކުރަން މިއީ ތަހުޒީބީ މުޖުތަމައުގައި ކަންކަން ކުރާ ގޮތެއް ނޫން. ކޮންމެ ހެނެއް ދަންވަރުގެ ގަޑީގައި ގެތަަކަށް ވަދެ ތުއްތު ކުދިންނާއި ދޮށީ މީހުންނާ މީގެ ތެރެއަށް ވައްދައިގެން މި ސަކަރާތް ޖަހާކަށް ނުޖެހޭ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބަލަންޖެހޭނެ ކަމަށެވެ. އެކަމަކު އަވަސް އަރުވާލައިގެން ކުއްލިގޮތަކަށް މިދިޔަ ސަރުކާރުގެ މައްސަލަތައް ބަލަން އެ އުޅެނީ އެޗްޑީސީ އާއި އެންސްޕާގެ ކޮރަޕްޝަން މައްސަލަތައް ފޮރުވަން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މިދިޔަ ހުކުރު ދުވަހު އެކަން ކުށްވެރިކުރައްވާފަ އެވެ.
މޭޔަރު ވިދާޅުވީ މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން އާއިލާތައް އެ ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ކަމަށެވެ. އަދި އެކަމުން އިހްސާސް ވަނީ އަމާންކަމާއި ރައްކާތެރިކަން ނެތްކަން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.