ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށާއި އަދި ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓުން ބުނީ މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަކިން ހާއްސަކޮށް މެދު ރާއްޖެ ތެރެއަށް އާންމު ވައި ގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވަހިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ބުނެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި އާންމު ވަޔާއި ކަނޑުތައް ގަދަވާނޭކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް އަތޮޅުތަކަށް އުދަ އެރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި ދެ ފޫޓާއި ފަސް ފޫޓާއި ދެމެދު އަދި އުތުރާއި މެދުރާއްޖޭގައި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.
ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. އެގޮތުން ކައްދޫއަށް 87.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާކަމަށް މެޓުން ހާމަކުރެ އެވެ.