ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާއެއް މި މަހު ބާއްވަން ނިންމައިފި އެވެ.
މަޖިލިސް ދައުރު ނިންމާ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. މަޖިލީހުގެ ދެވަނަ ދައުރެއް ފެށޭނީ އަންނަ ފެބްރުއަރީ 1 ގަ އެވެ.
މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ބައެއް މަސައްކަތް ކުރަން ރާވާފައިވާކަން ހާމަކުރައްވާފަ އެވެ.
އެނގިފައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހާއި 20 ވަނަ ދުވަހު އެވެ.
މި ޖަލްސާތައް ބާއްވަނީ އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށާއި، އިތުރު ބައެއް މަސައްކަތް ކުރުމަށްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭ އިރު، މަޖިލީހުގެ އާ ދައުރު ފެށުމުގެ ކުރިން އެ މުއްދަތު ހަމަވެ އެވެ.
އީސީގެ ދެ މެންބަރެއްގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ވަކި ކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ.