މާލޭގެ ގެއެއްގެ ބައެއް މިއަދު ގަނބައިގެންފި އެވެ.

މާލޭ ސިޓީ ކައުންސިލް ބުނީ މ. ނެވިގޭޓާ އިމާރާތްކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި މ. ލަކީ ހެވެންގެ ބައެއް ގަނބައިގަނެ އަޑިއަށް ދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެ އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ހާދިސާ ހިނގީ ޝީޓް ޕައިލް ނުކޮށް އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. އެހެންވެ ލަކީ ހެވަންގޭގެ ފާރުތަކުގައި ރެނދުލައި އަޑިއަށް ދާތީ އެކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައީ އެގޭގައި ދިރިއުޅޭ މީހުންނެވެ.

ލަކީ ހެވަންގޭގެ ހަތަރު ކޮޓަރިއެއްގައި ދިރިއުޅޭ ހަތަރު އާއިލާ އެތަނުން ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޭގައި ބިދޭސީން ވެސް ކުއްޔަށް އުޅެ އެވެ.

އެގޭގައި ދިރިއުޅޭ ބައެއް މީހުން ބުނީ އެ ހާދިސާ ހިނގާކަން ފާހަގަވެ ދުރާލައި އިމާރާތްކުރާ މީހުންގެ ސަމާލުކަމަށް ގެނައުމުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށެވެ. އަދި މިއީ އެކަމުގެ ނަތީޖާ ކަމަށް އެ މީހުން ބުންޏެވެ.