އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރިފައިވާ އަލިފާންގަނޑުތައް ނިވުމުގެ މަސައްކަތުގައި އުޅުނު އެމެރިކާ ފުލުހުންގެ 26 އޮފިޝަރަކު ވީނުވީއެއް ނޭންގި ގެއްލިއްޖެ އެވެ.
ލޮސް އެންޖަލީސްގެ އަލީފާނުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން ލޮސް އެންޖަލީސްގެ ފުލުހުންގެ ޑިޕާޓްމަންޓް (އެލްއޭޕީޑީ)ގެ އިންޓެރިމް ޗީފް ޑޮމިނިޗް ކޯއީ ވިދާޅުވީ މިހާތަނަށް އަލިފާނުގެ މި ހާދިސާގައި 24 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އަލިފާން ނިވުމުގެ މަސައްކަތުގައި 200 އަށްވުރެ ގިނަ ފުލުހުން ހަރަކާތްރެިވަމުން އަންނައިރު، އޭގެ ތެރެއިން 26 ފުލުހަކު ވަނީ ވީނުވީއެއް ނޭންގި ނެއްލިފައިކަމަށެވެ.
ޑޮމިނިޗް ކޯއީ ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ 26 ފުލުސް އޮފިޝަރުންނަށް ވީނުވީއެއް ނޭންގި ގެއްލިފައި ވަނީ އަލިފާން ނިވުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށާއި އެމީހުން އަލިފާނުގައި އަނދައިގެން ދިޔައީ ކަމެއް ނުވަތަ އެހެން ގޮތަކަށް މަރުވީ ކަމެއް އަދި ބުންނަ ނޭންގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާންނުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ކުރި މަސައްކަތުގައި ގިނަ ބަޔަކު ސަލާމަތީ ސަރަހައްދުތަކަށް ގެންދެވިފައިވާ ކަމަށެވެ. އަދިވެސް އިތުރު މީހުުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް އެކި ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ޑޮމިނިކް ވިދާޅުވި އެވެ.
އަންގާރަ ދުވަހުން ފެށިގެން ފެތުރެމުންދާ އަލިފާންގަނޑުތައް ވަނީ މައިގަނޑު ހަ ސަރަޙައްދަކަށް ފެތުރިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަލިފާންގަނޑު ފެތުރެމުންދަނީ ގިނަ ޢަދަދެއްގެ މަޝްހޫރު ފަންނާނުންގެ ގެދޮރު ހުންނަ އަގުބޮޑު އަވަށެއް ކަމުގައިވާ ޕެސިފިކް ޕެލިސޭޑްސްގަ އެވެ. އޭގެ އިތުރުން އެހެން ސަރަޙައްދުތަކެއްގައި އީޓަންއާއި ހަރސްޓުގެ ނަން ދީފައިވާ ހުޅުގަނޑުތަކެއް ވެސް ދަނީ ފެތުރެމުންނެވެ.
ޕެލިސޭޑުގެ ހުޅުގަނޑު ވަނީ މިހާތަނަށް 96 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފަ އެވެ. މިހާތަނަށް ކޮންޓްރޯލު ކުރެވިފައި ވަނީ އެ ހުޅުގަނޑުގެ އެންމެ 11 އިންސައްތައެވެ. އެ އަލިފާންގަނޑު ޕެލިސޭޑާ ޖެހިގެން އޮންނަ ބްރެންޓުވުޑާ ވެސް ވަނީ އަރާ ހަމަ ކޮށްފަ އެވެ.
ހުޅުގަނޑުތައް ރޯވެފައިވާ ސަރަޙައްދުތަކުގައި ޖެހެމުންދާ އާދަޔާޚިލާފަށް ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ގާތްގަނޑަކަށް ގަޑިއަކު 50 މޭލާއި 70 މޭލުގެ ބާރުމިނުގައި ޖެހެމުންދާ ވައިގެ ސަބަބުން އަލިފާނުގެ އަޅިތައް ހުޅުގަނޑުގެ ތިން ކިލޯމީޓަރު ދުރަށް ވެސް ދަނީ ބުރަމުންނެވެ.
ނަމަވެސް ކުޑަ ވަގުތު ކޮޅަކަށް ކޮންމެވެސް ވަރަކަށް ވައި މަޑުވެފައި ވާތީ އެ ދަނޑިވަޅުގެ ފުރިހަމަ ބޭނުން ހިފައި އަލިފާންގަނޑު ފެތުރުން ހުއްޓުވުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އަނެއްކާ ވެސް ވައި ގަދަވެ ބުދަ ދުވަހާ ހަމައަށް އެ ޙާލަތު ދެމި އޮންނާނެ ކަމަށް ބެލެވޭތީ މި ދަނޑިވަޅުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އަވަސް އަދި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
ލޮސް އެންޖެލީސްގެ އަލިފާނާބެހޭ ޚިދުމަތުގެ އިސްވެރިޔާ އެންތޮނީ މެރޯން ވިދާޅުވީ ވައިގެ ތެތްކަން ދަށްވެ ގަސްގަހާގެހީގައި ހުރި ފެނުގެ އަސަރު ދަށް ވުމުގެ ސަބަބުން ލޮސް އެންޖެލީސްގެ ހުރިހާ ސަރަޙައްދެއްގައި ވެސް އަލިފާންގަނޑު ރޯވެ ފެތުރުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ.
މެރޯން ވިދާޅުވީ އަވަށްތައް އަންދާ އަޅިއަށް ހަަދަމުންދާ މި އަލިފާންގަނޑުތަކަކީ ހަމައެކަނި ގެއްލުމުގެ އަގަށް ބެލިކަމުގައިިވި ނަމަވެސް އެމެރިކާގެ ތާރީޚުގައި ވެސް ހިނގާފައިވާ އެންމެ ނުރައްކާތެރި ގުދުރަތީ ކާރިޘާގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.