ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނިލް ކޯޓުން ބޭރުކުރަން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ކުރިއަށް ގެންދިއުމަށް އިއްޔެ ހައި ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެ އެވެ. އެހެންވެ، ދައުލަތުން ހައި ކޯޓުގައި އެދިފައި އޮތީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަމުރުކޮށް ދިނުމަށެވެ.
ކްރިމިނަލް ކޯޓުން ދައުވާ ބާތިލް ކުރަމުން ބުނެފައިވަނީ ތަހުގީގު ފެށި ސަބަބު ޖިހާދަށް އަންގާފައި ނުވާކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުގެ ސައްހަކަން ކަށަވަރު ކޮށްފައިވާކަން އެނގެން ނެތުމުން ކަމަށެވެ. އެއީ ތަހުގީގަށް އޮތް އުނިކަމެއް ކަމަށާއި އެއީ ދައުވާ އުފުލުމުގައި އޮތް އުނި ކަމެއްކަން ކްރިމިނަލް ކޯޓުގެ ނިންމުގައި ފާހަގަކޮށްފައިވެ އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އެ ކަންކަމަކީ ދައުވާ އުފުލުމުގައިވާ އުނިކަމެއް ކަމުގައި ދަށު ކޯޓުގެ ފަނޑިޔާރު ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކޮން ގާނޫނީ އަސާސަކަށް ބުރަވެ ކަމެއް ދަށު ކޯޓުގެ ނިންމުމުގައި އެނގެން ނެތް ކަމަށެވެ.
މީގެ އިތުރުން ދަށު ކޯޓުން ޖިހާދުގެ ތަހުގީގުގެ ބަޔާނުގެ އޯޑިއޯ ރެކޯޑިއަށް ރިއާޔަތްކުރިނަމަ، އަލުން ތަހުގީގު ކުރަން ނިންމި ސަބަބު ޖިހާދަށް ބުނެދެވުނުކަން ދަށު ކޯޓަށް ސާފުވާނެ ކަމަށާއި ދަށު ކޯޓުން ނިންމި ނިންމުމަށް ބަލާއިރު އެ ރެކޯޑިންއަށް ރިއާޔަތްކުރެވުނުކަން އެނގެން ނެތްކަން ވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
މިގޮތަށް އަމުރުކުރައްވާފައިވަނީ ފަނޑިޔާރު ހުސެއިން މަޖީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުންނެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.
މިހާރު ޖިހާދު ހުންނެވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމުގަ އެވެ.