ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ ނަސީރު އިސްމާއީލް ވެސް ވެރިކަންކުރާ ޕީއެންސީއަށް ވަގަށް ވައްދައިފި އެވެ.
ފޭސްބުގައި ކުރި ޕޯސްޓެއްގައި ނަސީރު ބުނީ އޭނަ އާއި އޭނާގެ ކޮށްކޮއަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަމަށެވެ. އެކަން އެނގުނީ އިލެކްޝަންސް ކޮމިޝަނަށް މެސެޖްކޮށްގެން ބެލުމުން ކަމަށް އޭނާ ބުންޏެވެ.
ނަސީރު ސްޕޯޓްސް އެކެޑަމީގެ ފައުންޑާ އަދި ހެޑް ކޯޗް ބުނީ ޕީއެންސީއަށް އޭނާ ވެއްދި މީހުންނަށް ދައުވާކުރަން ބޭނުންވާ ކަމަށެވެ.
ޕީއެންސީއަށް ވަގަށް ވައްދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އެ މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއްް މެމްބަރުންނާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީ ވަގަށް ޕީއެންސީއަށް ވައްދާފަ އެވެ.
ޕީއެންސީއަށް ވަގަށް ވެއްދި މައްސަލަ ހޫނުވެފައި ވަނިކޮށް އެންމެފަހުން އެ ޕާޓީން ވަނީ އެކަމަށް އެއްބަސްވެ ބަޔާނެއް ނެރެފަ އެވެ.
ޕީއެންސީއަށް އެންމެ ގިނަ މީހުން ވަގަށް ވެއްދީ ޑިއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެންކަން ވަނީ ހާމަވެފަ އެވެ. ހޯމް މިނިސްޓްރީ ތެރޭގައި ޕީއެންސީއަށް ވަގު ފޯމް ފުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.