ވަގު ފޯމު ހުށަހަޅައިގެން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް 3،000 އަށް ވުރެ ގިނަ އެމްޑީޕީ މެމްބަރުން ވައްދާފައިވާ ކަމުގެ ޝަކުވާ މިހާތަނަށް ލިބިފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމް ފުރައިގެން ޕީއެންސީއަށް ވެއްދި މައްސަލައިގެ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ ކިބައިން ވެސް އެދިފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި ޕްރޮސެސްކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ކޮމިޓީގެ މެމްބަރު އިބްރާހިމް ޝިޔާމް ވިދާޅުވީ މައްސަލަ އާ ގުޅިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

""ޝަކުވާތަކުގެ މައްޗަށް ބަލާލައިފި ކަމަށްވާ ނަމަ، އެބަހުރި ކުރީގެ އައިޑީކާޑުގައި ހުރި ފޮޓޯ ބޭނުންކޮށްފައި. ފޯޖް ސައިން ބޭނުން ކޮށްފައި. ފިންގަޕްރިންޓް ފޯޖް ކޮށްފައި އެބަހުރި ކަމަށް ތުހުމަތު އެބަކުރޭ އެ ޕާޓީ މެމްބާޝިޕް ކަމަށް ފޯމު ހުށަހެޅި ކަމަށް ބުނާ ފަރާތުން،" އޭނާ ވިދާޅުވި އެވެ.

"ޝަކުވާތަކުގެ މައްޗަށް ބަލާލައިފި ކަމަށްވާ ނަމަ، އެބަހުރި ކުރީގެ އައިޑީކާޑުގައި ހުރި ފޮޓޯ ބޭނުންކޮށްފައި. ފޯޖް ސައިން ބޭނުން ކޮށްފައި. ފިންގަޕްރިންޓް ފޯޖް ކޮށްފައި އެބަހުރި ކަމަށް ތުހުމަތު އެބަކުރޭ އެ ޕާޓީ މެމްބާޝިޕް ކަމަށް ފޯމު ހުށަހެޅި ކަމަށް ބުނާ ފަރާތުން،" .
ޝިޔާމް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވި ގޮތުގައި އެ ޝަކުވާތަކުގެ ތެރެއިން 68 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގަ އެވެ. އޭގެ ތެރެއިން އެންމެ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް، މުޅި ހަރަކާތް ހިންގާފައިވާ ގޮތް ނިއުޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަމަކީ ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ މައްސަލައެއްކަން ފާހަގަކުރައްވާ މަހްފޫޒް ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ޒާތީ ދިރިއުޅުން ރައްކާތެރިކުރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ.

ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ތަހުގީގުކޮށްދިނުމަށް އެމްޑީޕީން އެދުނު އެއްފަރާތަކީ ވިލިމާލޭ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު އިސްމާއީލެވެ. އޭނާ ހެއްކެއްގެ ގޮތުގައި ސޮއިކުރެއްވި ކޮންމެ ފޯމެއްގެ މައްސަލަ ވަކިވަކިން ބަލައިދިނުމަށް އެދިފައިވާނެ ކަމުގައި މަހްފޫޒް ވިދާޅުވި އެވެ.

އޭނާގެ އިތުރުން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކުރި އެހެން މީހުންނާއި ކަމުގައި ޝާމިލުވި ޑީއެންއާރުގެ އިސް މުވައްޒަފުންގެ އިތުރުން ޖުމްލަ ގޮތެއްގައި ކަމުގައި ބައިވެރިވި އެންމެނަށް ތަހުގީގު އަމާޒުކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.

މައްސަލައިގެ ތަހުގީގު ނިމެންދެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މަގާމުން އެކަހެރިކުރަން ވަނީ ގޮވާލާފަ އެވެ. އަދި މުޅި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރެވެންދެން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޕީއެންސީން މިހާރު ހުށަހަޅާފައިވާ އެއްވެސް ފޯމެއް ޕްރޮސެސްނުކޮށް މަޑުޖައްސާލުމަށް އެ ކޮމިޝަނުގެ ކިބައިން އެދިފައިވެ އެވެ.