މިއީ ބަހުލޫލު ސަރުކާރެއް ކަމަށް ރައްޔިތުން ކަނޑައަޅާފައިވާ ކަމަށާއި މިފަދަ ސަރުކާރަކަށް އަޑު އިވޭނީ މަގު މައްޗަށް ނުކުމެ އަޑު އުފުލައިގެން ކަމަށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް އަޑު އިވެނީ މަގުމައްޗަށް ނުކުމެ އަޑު އުފުލައިގެންކަން ރައީސް ހއ. ކުރައްވާ ދަތުރުގައި ދިއްދޫން ވަރަށް ސާފުކޮށް ފެނިގެންދިޔަ ކަމަށެވެ.

އެ ރަށުގައި ރައީސް މުއިއްޒާ ދެކޮޅަށް ގިނަ ބަޔަކު ޝުއޫރު ފާޅުކުރި އެވެ. އެ ރަށުގައި އެއާޕޯޓެއް ހަދާނެ ކަމަށް ވައުދުވެފައި އޮތަސް، މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫއެއް ނެތްކަމަށް ބުނެ އެވެ. އެކަމަށް ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް، ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއު މި އަހަރު ފަށާނެ ކަމަށެވެ. އެ ރަށަށް ދެން ވަޑައިގަންނަވާނީ އެއާޕޯޓު ހުޅުވަން ފްލައިޓުގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"31 ވަނަ ދުވަހު ރައްޔިތުން ނުކުންނަން ޖެހެނީ މި ސަބަބަށްޓަކައި. މި ސަރުކާރަށް އަޑު އިވެނީ ރައްޔިތުން ނުކުމެ އަޑު އިއްވީމަ،" މި ހުކުރު ދުވަހުގެ ރޭ .
ޝާހިދު ވިދާޅުވި އެވެ

ފްލެޓު ނުލިބިގެން ޝަކުވާ ކުރައްވާ ބޭފުޅުން ހަނު ތިބެގެން ފްލެޓެއް ނުލިބޭނެ ކަމަށާއި ފްލެޓަކީ ރައްޔިތުންގެ ހައްގެއް ކަމާއި، ޝަރުއީ ހުކުމެއް ނެތި ފްލެޓު ސަރުކާރަށް އަތުނުލެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންވެ، ފްލެޓު ނުލިބޭ މީހުން އަޑު އުފުލަންޖެހޭކަން ފާހަގަ ކުރެއްވި އެވެ.

ރިސޯޓު މުވައްޒަފުން ގުދާރު ބިންދައިގެން މަސައްކަތް ކުރާއިރު، ޑޮލަރުން ލިބެމުން ދިޔަ ސާވިސް ޗާޖު، ރުފިޔާ އަށް ބަދަލުކޮށްލީ މިސަރުކާރުގެ ގޮތެއް ފޮތެއް ނެތް ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި ހަނު ތިއްބަވައިގެން ހައްގެއް ނުހޯދޭނެ ކަން ޝާހިދު ފާހަގަ ކުރެެއްވި އެވެ.

އެހެންވެ، ރިސޯޓު މުވައްޒަފުންގެ އަޑު އުފުލުމަށް ވެސް ޝާހިދު ވަނީ ގޮވައިލައިފަ އެވެ.

އެންސްޕާ އާއި އާސަންދައިން ބޭސް ފަރުވާ ނުލިބޭތީ އާއި ޓެކްސީ ލައިން ހެދުމަށް ސަރުކާރުން މަސައްކަތް ކުރާތީ، ރައްޔިތުން ނުކުންނަންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މަހުގެ އަގު ސަރުކާރުން ވައްޓާލުމަށް ފަހު ފައިސާ ނުދޭއިރު އެ ހައްގު ހޯދުމަށް މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުން ވެސް ހިނގާލުމަށް ނުކުތުމަށް އޭނާ ގޮވައިލި އެވެ.