ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ފަށަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވެފައި ވަނިކޮށް، މަސްދަޅު ކޭސްތައް ބެހުން ސަރުކާރުން އެކަން ހުއްޓުވައިފި އެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު، އާދަމް އާޒިމް އަދަދު ނޫހަށް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރާ ގޮތަށް އޮތީ އެ މާލެ ސިޓީ ކައުންސިލާއި މިފްކޯގެ އިތުރުން އެސްޓީއޯ ގުޅިގެން ކަމަށެވެ. ނަމަވެސް މަސްދަޅު ކޭސްތައް ސިޓީ ކައުންސިލުގެ އެއްވެސް ތަނަކުން ބަހައިގެން ނުވާނެ ކަމަށް އެންގީ މިއަދު ހެނދުނު ކުއްލިއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާއެކު މި ރޯދަ އަށް ސަރުކާރުން ކޮންމެ ގެއަކަށް ދޭ މަސްދަޅު ކޭސް މާލޭގައި ބަހާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް އެނގި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. މިގޮތުން މާލޭގެ ރައްޔިތުންނަށް ބަހާ މަސްދަޅު ކޭސްތައް ކުރިން ބަހަން ފަށަން އޮތީ މެންދުރު 2:30 ގަ އެވެ. އެކަމަކު އެ ވަގުތު މިހާރު ވަނީ ރޭގަނޑު 8:30 އަށް ބަދަލުކޮށްފަ އެވެ.
އެސްޓީއޯ އިން ބުނީ، މިރޭ 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ.
ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.
މަސްދަޅު ބެހުމަށް ހަމަޖެހިފައިވާ ތަންތަން
- މިފްކޯގެ އޮފީސް ކޮމްޕައުންޑް
- ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލެ، ވެމްކޯ ސައިޓް
- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން
- ހިޔާ ޓަވަރު 10، ޔޫތު ސެންޓަރު
މިރޭ މަސް ދަޅު ބަހަން ފަށައި 11 ޖަހާއިރު ނިންމާލާނެ އެވެ. މާދަމާ ހުކުރު ދުވަހަށް ވާތީ، މަސް ދަޅު ބެހުން ކުރިއަށް ނުގެންދާނެ އެވެ.
ހޮނިހިރު: ހެނދުނު 10:00 އިން ހަވީރު 16:00 އަށް
ރޭގަނޑު: 20:30 އިން 23:00 އަށް
އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް: މެންދުރު ފަހު 14:30 އިން 18:00 އަށް
ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ދޫކުރާނެ
އެސްޓީއޯ އިން ބުނީ، އިތުރު ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރާ ނަމަ، އެކަންކަން އިއުލާނު ކުރަމުން ދާނެ ކަމަށެވެ.
ކުރިން މާލެ އާއި ހުޅުމާލޭގައި ވެސް މަސްދަޅު ބަހަން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އެތަނުގެ އިމާރާތްތަކުގަ އެވެ.