ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ހުށަހެޅި ގޮތަށް ކުޑަކުރެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ.

އެ ގޮތުން ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 ޕަސެންޓް އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރަ 12،000 ރުފިޔާއަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރަން ހުށަހެޅުއްވި އެވެ.

މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމީ ގިނަ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރެވޭނީ ގުޅުން ހުރި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ.

އެއް ގިންތިއެއްގެ މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއަކަށްވާއިރު ގާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަ އުނިކުރުމަށް ކޮމިޓީން ނިންމުމަކީ އިންސާފުވެރި އަދުލުވެރި ގޮތެއް ނޫން ކަމަށް ފެންނަ ކަމަށް ކޮމިޓީން ނިންމި އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މިނިވަން މުސްތަގިއްލު މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ އެހެން މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރަން މިވަގުތު ނުފެންނަ ކަމަށާއި އަދި ގުޅުންހުރި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުމުން އަލުން މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ކޮމިޓީން ނިންމި އެވެ.

ކޮމިޓީގެ މި ނިންމުން މަޖިލީހުން ފާސްވީ ވޯޓު ދެއްވި 44 މެންބަރުންގެ އިއްތިފާގުންނެވެ.