މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުން އިއްޔެ ނެރެން އުޅުނު ވަގުތީ އަމުރު ނެރުމަށް ހުރަސް އަޅުއްވާފައި ވަނީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަލީ ރަޝީދުކަން ހާމަވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ ޖުމްލަ ހަތް ފަނޑިޔާރުންނެވެ. އަދި އެ އަމުރު ނެރުން ސަރުކާރުން ހުއްޓުވީ މީގެ ތެރެއިން ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ޖޭއެސްސީ އިން އިއްޔެ ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމަށްފަހު އުއްތަމަ ފަނޑިޔާރާއި އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ސުލޫކީ މައްސަލަތަކެއް ބަލާނެ ކަމަށް ބުނެ މަޖުބޫރު ކުރުވައިގެން ކަމަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވެ އެވެ.
ގާނޫނުއަސާސީއަށް ސަރުކާރުން ގެންނެވި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމަށް އިއްޔެގެ 11 ޖަހާއިރަށް އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް މަޖިލިސް ތެރެއިންނާއި ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާތީ އެ އަމުރު އަވަސް ކުރުމަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަސައްކަތް ކުރެއްވި ކަމަށް "ހުރިހާ" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ގޮތެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ އަވަސް އަރުވާލައިގެން ފާސްކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޖޭއެސްސީން ވަނީ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.
މިކަމާ ގުޅިގެން ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވައި ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.
ފަނޑިޔާރުންގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާކަން އެނގިއިރު، އޭސީސީގެ ބައެއް މެންބަރުންނަށްވެސް އެކަން އެނގިފައި ނުވާކަން އިތުބާރުހުރި ގޮތަކަށް އެނގިފަ އެވެ.