ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.

ޕޯޓަލްއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންނަށް މި މަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހައުސިން މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފޯމު ހުށަނާޅާ މީހުންގެ ޝަކުވާއެއް އޮތް ނަމަ ހައުސިން މިނިސްޓްރީގެ މެއިލް، [email protected] އަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓް އަލުން އިވަލުއޭޓްކޮށް ލިސްޓް އާންމުކުރި އިރު، ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ 1820 މީހުނެވެ.

އެ މަޝްރޫއުގެ ދެން ހުރި ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތާއި ހިލާފަށް ފުލެޓު ލިސްޓަށް ބޮޑު ބަދަލެއް ގެނެސް އިއުލާން ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވީ ފުލެޓާއި ގޯތި ލިބިފައިވާ އެންމެނަށްވެސް ފުލެޓާއި ގޯތި ލިބޭނެ ކަމަށެވެ.