ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެކަމަށް ލަފާކޮށް މެދުތެރޭގެ އަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މާދަމާއާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު، މިހާރު ވެސް މެޓް އޮފީހުން ވަނީ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެރެފަ އެވެ.
އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މިރޭ 12 ޖެހުމާހަމައަށް ވަނީ އޮރެންޖް އިންޒާރު ނެރެފަ އެވެ. އަދި ދަންވަރު 1:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ އެލާޓް ނެރެފަ އެވެ. އަދި ދަންވަރު 2:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި މިހާރު ވެސް ފެންބޮޑުވެފައިވާތީ ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މި ވިއްސާރާގައި ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި މެރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހު އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.