ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އެމްޑީޕީ އިންތިޚާބަށް ނުކުންނަނީ ތަސައްވުރަކާ އެކީގަ އެވެ. އެއީ ރަނގަޅު ވާހަކައެކެވެ. އެ މީހުންގެ ކެމްޕެއިން ތަފާތެވެ. ހުށަހަޅާ ހުށަހެޅުންތައް ވެސް މޮޅެވެ. ކުރަހާލަދޭ ތަސްވީރުގެ އޮފު ގަދަ އެވެ.

''އެޖެންޑާ 19 ތަފާތުވާނޭ" މިއީ ފާއިތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕައިނުގައި އެމްޑީޕީ އިން ގެންގުޅުނު އެޖެންޑާ 19ގެ ލަވަ ފެށޭ ޖުމުލަ އެވެ. އެއާ ގުޅުވައިގެން ދެން އަންނަނީ އެޖެންޑާ ނަވާރަ ތަފާތު ވާނެ ގޮތެވެ. ލަވައިގައި ވަނީ ވައުދުތަކެއްގެ ލިސްޓެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ފުއްދައިދޭން ވެފައިވާ ވައުދުތަކެކެވެ. އެންމެނަށް ބޯހިޔާވަހިކަން ޔަގީންކުރުމާއި މުއައްޒަފުންނަށް އެންމެ ކުޑަމިނުން ލިބެންޖެހޭނެ އުޖޫރަ ކަނޑައެޅުމާއި ކަރަންޓާއި ބޯފެނުގެ އަގު ހެޔޮ ވުމާއި ވަޒީފާ ނެތް ކޮންމެ މީހަކަށް އެންމެ ކުޑަ އުޖޫރައެއް ދިނުމާއި ރިސޯޓު މުއައްޒަފުންނަށް "ނައިޓަށް" ރަށަށް ދެވުން ފަދަ ގިނަ ވައުދު ތަކެއް އެ ލިސްޓުގައި ވެ އެވެ.

ބޮޑެތި ވައުދުތަކަކާ އެކު ކުރިއަށް ދިޔަ ކެމްޕޭނުގެ ނަތީޖާ ފޮންޏެވެ. ރައްޔިތުންގެ މަޖިލީހުގެ މަދުގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުވި އެވެ. އެ އިންތިޚާބަށް ދެ އަހަރު ވާން ދާއިރު ނަގާ ބޯމަތި ކޮށްފައި މިވަނީ އަނެއް އިންތިޚާބެވެ. މިފަހަރުގެ އިންތިޚާބަށް ވެސް އެމްޑީޕީ ނިކުންނަނީ އާ ތަސައްވުރަކާއެކުގަ އެވެ. އެއީ އާ ވައުދުތަކަކުން ކުރަހާ ކުލަޖައްސައިފައިވާ "ރަށްވެހިފަތިސް" ކެމްޕެއިނެވެ. "ދިވެހި ރާއްޖެ އަލިވިލެން މިދަނީ ރައްވެރިކަމާއި ރަށްވެހިކަމުގެ އާފަތިހަކަށް" ރަށްވެހި ފަތިހުގެ ފޭސްބުކު ޕޭޖުގައި ލިއެފައި އޮތެވެ.

އާފަތިހަކަށް އަލިވިލުމުގެ ކުރިން އެމްޑީޕީ އިން ވަނީ ދިވެހި ރާއްޖެ އެކި ފަހަރުމަތިން ތަފާތު މަރުހަލާ ތަކަކަށް ގެންގޮސްފަ އެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރު އައީ "އަނެއް ރާއްޖެ" އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު ތިރީސް އަހަރުގެ ބާރުގަދަ ވެރިކަމަށް ނިމުން އައީ އެމްޑީޕީ އިން ކުރި އަނެއް ރާއްޖޭގެ ވަރުގަދަ ކެމްޕެއިނުންނެވެ.

މުޅިން އާ ރާއްޖެއަކަށް އަލިވިލި އާ އުންމީދުތަކަކާއި އާ ވައުދުތަކެއްގެ ހުވަފެނުގައި ދެ އަހަރެހާ ދުވަހު އެމްޑީޕީގެ ބެލުމުގެ ދަށުގައި ރާއްޖެ އޮތެވެ. އެ ދުވަސްވަރަކީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމް އާރަށް ވިއްކައިލައި ދިވެހި ރާއްޖޭގެ މުވާސަލާތީ މައިކުންފުނި، "ދިރާގު"ގައި އޮތް ސަރުކާރުގެ މެޖޯރިޓީ ޝެއާ ކޭބަލް އެންޑް ވަޔަލެސް އަށް ދޫކޮށްލި ދުވަސްވަރެވެ. މީގެ އިތުރުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ޑޮލަރު ހޯދަން ބޭންކުތަކުގެ ބޭރުގައި ދިގު ކިޔޫތަކެއް ދެމިގެންދިޔަ ދުވަސްވަރެއްގެ ގޮތުގައި ވެސް އެ ދެ އަހަރެއްހާ ދުވަސް ފާހަގަ ކޮށްލެވެ އެވެ.

އޭގެ ފަހުން އެމްޑީޕީ ދިވެހިންނަށް ދެއްކީ "ޖަޒީރާ ރާއްޖެ" އެވެ. ޖަޒީރާ ރާއްޖެ ކެމްޕެއިނުގައި ސްކައިޕް މެދުވެރިކޮށް މާލޭގެ އާއިލާ އަކާ ރައީސް ނަޝީދު ބޭއްވެވި ބައްދަލުވުމެއްގައި އެ އާއިލާއިން ސުވާލު ކުރި އެވެ. މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތީ ކޮން ހައްލެއްތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވި އެވެ. ''އަޅުގަނޑުމެންގެ ވިސްނުންހުރީ ގެވަޅު ދޭ ގޮތަށް''. އިތުރު ތަފުސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ތަސައްވަރަކީ ކޮންމެ އާއިލާއަކަށް ވެސް ގެވަޅެއް ލިބުމެވެ. ގޯތިތެރޭގައި އުނދޯލި ގެއެއް ވެސް ހުރެފައި މުރަނގަ ގަސް ފަދަ ގަސް ހައްދާނެ ހުސްތަންކޮޅެއް ވެސް އޮތުމެވެ. އާދެ އެއީ ވަރަށް ރީތި ޖަޒީރާ ރާއްޖެއެއްގެ ތަސައްވުރެކެވެ.

ޖަޒީރާ ރާއްޖޭގެ ހިތްގައިމު ތަސައްވުރަށްފަހު ގެނައި އެޖެންޑާ 19ގެ ވައުދުތަކުގެ ހުވަފެނުގައި ނިދާފައި ތިއްބާ މުޅިން އާ "ރަށްވެހި ފަތިހަކަށް" މިދަނީ އަލިވިލޭށެވެ. ގިނަ ވައުދުތަކެއް ހިމެނޭ ތަސައްވުރަކާއެކު ހިންގާ މި ކެމްޕޭނުގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ފެންނަނީ ''ބާރުތައް އަތަށް، ތަރައްގީ ރަށަށް'' މި އެވެ. މާނައަކީ ރަށް ތަރައްގީކުރުމަށް ގޮނޑިތައް ލިބެން ޖެހޭނެކަމެވެ.

ފާއިތުވި ދެ އިނތިޚާބުގައި ރައްޔިތުންވަނީ އެމްޑީޕީ ބޭނުންވި ހުރިހާ ގޮނޑިއެއް އެ މީހުނަށް ދީފަ އެވެ. ރައީސުލް ޖުމުހޫރިއްޔާގެ ގޮނޑިއާއި ރައްޔިތުންގެ މަޖިލީހުގެ މަދު ގޮނޑިތަކެއް ފިޔަވައި ހުރިހާ ގޮނޑިއެކެވެ. އޭގެ ފަހުން އަލިވިލެން މި އުޅޭ ރަށްވެހި ފަތިހަށް އަލިވިލޭ އިރު މާލޭގެ ރަށްވެހިންނަށް ލިބުނު"'ގެވަޅުގައި" އިންދި މުރަނގަ ގަހުން މުރަނގަތޮޅި ބިންނަން ލިބެން ޖެހެ އެވެ. މަސްކަތްތެރީންނަށް މަދުވެގެން ލިބޭން ޖެހޭ އުޖޫރަ އޮންނާން ޖެހެނީ ކަޑައެޅިފަ އެވެ. ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދާން ޖެހޭނީ ލިބެމުންނެވެ. ކަރަންޓާއި ބޯފެނާއި އިންޓަނެޓުގެ އަގު އޮންނަން ޖެހެނީ ހެޔޮވެފަ އެވެ. އެހެން ނޫންނަމަ ރަށްވެހި ފަތިހުގެ ތަސައްވުރަކީ ވެސް ރަން ކުލައިން ފަވާލެވުނަސް ބަރުދަނެއް، ބުރަދަނެއް އޮތް ތަސައްވުރަކަށް ނުވާނެ އެވެ.