ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހުށަހަޅުއްވައިފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ގެ މައްސަލަ ޖޭއެސްސީގައި ފުރަތަމަ ތާވަލުކުރީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް ފަހުން ވަނީ އަޑުއެހުން މާދަމާއަށް ފަސްކޮށްފަ އެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ އަޒްމިރަލްދާއާ ގުޅުވައި ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޖޭއެސްސީން އަދި ގޮތެއް ނުނިންމަ އެވެ. މިއަދު މެންދުރު ކޮމިޝަނުގެ ބައްދަލުވުމެއް ވެސް ތާވަލުކޮށްފައިވެ އެވެ. ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގައި އަޒްމިރަލްދާގެ މި ހުށަހެޅުއްވުމާ މެދު ގޮތެއް ނިންމަވާނެ އެވެ.

ޖޭއެސްސީން އެންމެ ފުރަތަމަ ބަލަން ފެށި ސުލޫކީ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަރުކާރު އަޑީގައި އޮވެގެން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

ނަމަވެސް އެއީ ދޮގެއްކަން އެނގުމުން ދެން ސަރުކާރުން މަސައްކަތް ކުރީ ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކު ލައްވައި އަޒްމިރަލްދާ އާއި މަހާޒުއާ ދެ ބޭފުޅުންނާ ދެކޮޅަށް ދޮގު ހެކި ހޯދުމަށެވެ. ނަމަވެސް އެކަންވެސް ސަރުކާރަށް ވަނީ ނާކާމިޔާބު ވެފަ އެވެ.

އެ ދެ ފަނޑިޔާރުންގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ. އެއީ ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއަށް ހުތުރުބަހުން ވާހަކަދެއްކެވި އިރު، އެވަގުތު އެ ވާހަކަ އަޑުއަހަން އެތަނުގައި ތިބި މައްސަލަ އެވެ.