ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އަޒްމިރަލްދާއަށް ކުރާ ތުހުމަތުތަކަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ.
ޖޭއެސްސީގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ފަނޑިޔާރު އަޒްމިރަލްދާއާ މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ތުހުމަތުތަކަށް އޭނާ އިންކާރައްވާފައިވާ ކަމަށް އޭނާގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ. އަދި އެ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް އަޒްމިރަލްދާ ދެންނެވި ކަމަށް ވަކީލް ވިދާޅުވި އެވެ.
ކޮމިޝަނުން ނަގާފައިވާ ތަހުގީގު ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަތީ ސީދާ ފަނޑިޔާރު ކަމަށް ޝަމީލް ވިދާޅުވި އެވެ. ފަނޑިޔާރުގެ ދިފާއުގައި ވަކީލަށް ވާހަކަ ދައްކަން ފުރުސަތު ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލް ޝަމީލް ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތެއްނެތި ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް، ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކޮށްފައިވާއިރު، އޭސީސީން ވެސް މި މައްސަލަ ދަނީ ބަލަމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ އާއި އެ ކޯޓުގެ އެހެން ގާޒީއެއް ކަމަށް ސަފްވަތު ހަބީބުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ.
މި މައްސަލައިގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ވަނީ ސަސްޕެންޑްކޮށް ޖޭއެސްސީއަށް ހާޒިރު ކޮށްފަ އެވެ.