ރާއްޖޭގެ ރަސްކަމެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަގުފަހިކޮށްދެމުންދާ ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރާއްޖޭގެ މިނިވަން ކޮމިޝަންތަކުގައި ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށްވެފައިވާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހި ކޮށްދިނުން ހުއްޓާލުމަށް އެ ޕާޓީން ވަނީ މިނިވަންމުއައްސަސާތަކަށް ގޮވާލާފައެވެ.

ރާއްޖޭގައި ވޭޕް މަނާކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިއަކު ވޭޕް ބޭނުންކުރިކަން ފަޅާއެރުމުން ކަމަށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ވިދާޅުވަފައިވަނިކޮށް، އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތުން ކަމަށް ބުނެ އެޗްއާރްސީއެމާއި އީސީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

އެމްޑީޕީން ބުނީ މުޒާހަރާގެ ތެރެއިން ކުޑަކުއްޖަކަށް ނިސްބަތްކޮށް، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެއްވެސް ވާހަކަތަކެއް ދެކެވިފައި ނުވާ ކަމަށެވެ. އަދި އެ މުޒާހަރާގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި އެޗްއާރުސީއެމް އާއި އީސީން ނެރުނީ ސިޔާސީ ބަޔާންތަކެއް ކަމަށް ބުނެ އެއީ ވަރަށް ޒިންމާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރިއެވެ.

"އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަލީހަތް ކުރަން. އެ ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ ރައްޔިތިންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި ރައްޔިތުންނަށް ކުރަމުންދާ ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އެ ޕާޓީން ބުންޏެވެ.

އެމްޑީޕީއިން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފައެވެ.