ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރުމާ ގުޅޭ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ޝަހީދު އައްޔަނުކުރަން ރައީސް ފޮނުއްވެވީ, އެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން އޭނާ އައްޔަނުކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސަށް މަޝްވަރާ ދިނުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާއާ ގުޅިގެން، އެ މަޤާމަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެ ފަހަރެއްގެ މަތިން އިޢުލާންކުރި އެވެ. މި އިޢުލާނާ ގުޅިގެން ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ.
ފަނޑިޔާރު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އަދި އެ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ހަމަޖެއްސެވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. މީގެ އިތުރުން، އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި، ފޭދޫ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފަ އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވަމުން ވަނީ ރައީސް މުހައްމަޒު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އެ ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. ސުއޫދުގެ އިސްތިއުފާ ދެއްވިއިރު، ޖޭއެސްސީން ގެންދިޔައީ ސުއޫދުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. މީގެ އިތުރުން ފަނޑިޔާރު ޢަޒްމިރާލްދާ އާއި މަޙާޒު ވަނީ ސުލޫކީ މައްސަލަތަކަކާ ގުޅިގެން ސަސްޕެންޑް ކޮށްފަ އެވެ.