މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާރު މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފި އެވެ.
ޝަމްއާން ތަހުގީގަށް ހައްޔަރުކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.
ފުލުހުން ބުނީ، ޝަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކުރިއިރު، ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.
ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ފައިސާއާއެކު ޑިޓެންޝަންގައި ބަންދުކޮށްފައިހުރި ބިދޭސީ މީހާ ޝަމްއާންގެ އެންގެވުމަށް އެރޭގެ މެންދަމުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އެކަމުގައި އަމަލީ ގޮތުން އުޅުނު އިމިގްރޭޝަންގެ މުވައްޒަފުން މަގުމަތިން ބިދޭސީމީހާއާ ބައްދަލުކޮށް އޭނާ އަތުގައިހުރި ފައިސާ ގެންގޮސްފައިވާ ކަމަށެވެ.
އަދި އެފައިސާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅުއްވާ ގެއަށް ކަމަށްވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ޝަމްއާންގެ ގެއަށް ރޭގެ ވަގުތެއްގައި ފުލުހުން ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފަ އެވެ.
ރޭގެ ވަގުތެއްގައި ކުއްލި ގޮތަަކަށް ޝަމްއާން ވަނީ މަގާމުން ވަކިކޮށްފަ އެވެ.