މަޝްހޫރު ފުޓުބޯޅަ ކޯޗު އިހްސާން ޢަބްދުލްޣަނީ (ސާންތި) މިރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި 2008 ވަނަ އަހަރު ހޯދިއިރު، އޭނާ އަކީ ގައުމީ ޓީމްގެ އެސިސްޓެންޓް އެއް ކޯޗެވެ.

އޭނާ ވަނީ ކެންސަރު ބައްޔަށް އިންޑިއާ އިން ވެސް ފަރުވާ ހޯދައި އޮޕަރޭޝަން ވެސް ކޮށްފަ އެވެ.

އިހުސާންގެ މަރުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުޒިޔާ ކިޔަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކްސްގައި ވިދާޅުވީ އިހުސާންގެ ވަކިވުމަކީ "ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް" ކަމަށެވެ.

"ހިތާމައިގެ މި ވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރިންނަށް އަދި މަރުހޫމްގެ ލޮބުވެތި އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ،" ރައީސް ވިދާޅުވި އެވެ.