ވައިބާ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލައާއި ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް ފަހު ނޫނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

ސައިބާ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ތަޢާރަފްވެފައިވާކަން ހާމަކޮށްފަ އެވެ.

ޝައްކު އުފެދޭ ލިސްޓިން އަދި ޕޯސްޓްތަކަށް ސަމާލުވުމުގެ ގޮތުން ލިސްޓް ކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ކަމަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް ސައިބާ ކްރައިމް ސެންޓަރުން ވަނީ އެދިފަ އެވެ.

ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މައުލޫމާތު މަދުނަމަ ނުވަތަ އައު ޕްރޮފައިލެއް ނަމަ އިތުރަށް ޔަގީން ކުރުމަށް އިތުބާރު ކުރެވޭ ގޮތަށް މުދާ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޙްތިޔާރު ކުރުމަށް އެދި ސައިބާ ކްރައިމް ސެންޓަރުން ވަނީ މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތުރަށް ބަލަން ފުރުސަތު ލިބިގެންދާނެކަން ފާހަގަކޮށްފަ އެވެ. އަދި ދެ ފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތައާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމާ އޮތަންޓިކޭޝަން މިހާރު ބަދަލު ކުރަމުންދާ ކަމަށް ސައިބާ ކްރައިމް ސެންޓަރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭންގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާކަން ވެސް ފުލުހުން ފާހަގަކުރެ އެވެ.

ފްލޭޝް ކޯލްސްއަކީ ކޮބާ؟

ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ.

ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސްއެމްއެސްގެ ޒަރިއްޔާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީ އާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީ އެވެ. އަދި މީގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށްވެ އެވެ.

ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީ އެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސް ވެސް މެ އެވެ. ފްލޭސް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެވެސް ފަރާތަކާއި ހިއްސާކޮށްފިނަމަ ތިޔަ ހިއްސާ ކުރެވެނީ ހަމަ އޯޓީޕީއާއި އެއްވަރުގެ ކޯޑެކެވެ.

ސައިބާ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ގާއިމުކޮށްފަ އެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ނޭޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާރެކޭ ވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިފަ އެވެ.