ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެ އެވެ. އެ މީހުން ހައްޔަރުކުރީ ޑަސްބިން ކޮތަޅުތަކަކަށް ސިނގިރެޓް ކާޓަންތަކެއް އަޅައިގެން ބޭރުކުރަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތަކަކާއެކު އެ މީހުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، 45، ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު، 38 (އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެއް) އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ހެލްތު މިނިސްޓްރީން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީ އެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ދާދިފަހުން ވަނީ ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބޮންޑެޑް ވެއާ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަގުހީގުކޮށް، އެ ދެ ވެއާހައުސްގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އަދި މިމައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއާހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެ ދެ މައްސަލަ ވެސް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފަ އެވެ.