ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް 20އ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 27 ވަނަ ދުވަހު އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

އޭނާ ހައްޔަރުކުރީ މުދަލަށް ގެންލުން ދިނުމާއި ބިރު ދެއްކުމުގެ މައްސަލައިގަ އެވެ. ސައިކަލު ދުއްވި ކަމަށް އޭނާ އިންކާރު ނުކުރާއިރު ކަޅުތެޔޮ ޖެހި މީހާގެ މައުލޫމާތު އޭނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހީ އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ.

މަންދީގެ ގަޔަށް ބަޔަކު ކަޅުޔެތޮ ޖެހިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި މަންދީގެ މައްޗަށް އެ މަނިކުފާނުގެ އާއިލާ އިން ވަނީ ދައުވާ ކޮށްފަ އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ބުނެފަ އެވެ. އެކަމަކު ރައީސްގެ އާއިލާއިން އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.