ފިތުރު އިދާ ގުޅިގެން ބާއްވަމުންދާ ހަރަކާތްތައް މިއަދާއި މާދަމާ ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި އަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެމްއެންޑީއެފް އާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބައިވެރިވެގެން އިއްޔެ ކުރިއަށްގެންދިޔަ 'އީދު ހަވީރު 1446' ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

'އީދު ހަވީރު' މިއަދާއި މާދަމާ ހަވީރު 4 އިން 6އަށް ޖުމުހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު މާބުލް ސަރަހައްދުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ވަނީ ސަލްޓަން ޕާކާއި ޖޫމްހޫރީ މައިދާން ސަރަހައްދުގައި އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތަށް ބައްލަވާ ލެއްވުމަށް ޒިޔާރަތް ކުރައްވައިފަ އެވެ.

މި ހަވީރުގައި އެމްއެންޑީއެފާއި ފުލުހުން ވަނީ އެ ދެ އިދާރާގައި ބޭނުންކުރާ އާލާތްތައް ދައްކާލައި ކުދިންނަ އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި ކުޑަކުދިންގެ މަގުބޫލު ކާޓޫނު ކެރެކްޓާތަކާއި މަޖާ ކުޅިވަރުތައް ކުޅުމަށް ތަފާތު ސްޓޯލްތައް ވަނީ ބައްހައްޓާފަ އެވެ.