ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުން ލަސްވާތީ، މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ބޮޑު ޗުއްޓީއަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށި ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައެއްގެ ގޮތުގައި ހަމަވާން ޖެހޭ ކަންކަން ހަމަނުވާތީ، ކުއްލި މައްސަލައެއްގެ ގޮތުގައި މައުރޫފްގެ ހުށަހެޅުއްވުން ބަލައިގަނެވެން ނެތް ކަމަށެވެ.

ނާޒިމު ވިދާޅުވީ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަދި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައި ނުވާ ފިޔަވަޅަކާ މެދު ފާޑުކިޔުމަށް ހުށަހަޅާ މައްސަލައަކަށް ވާންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ހުުށަހެޅި ކުއްލި މައްސަލައިގައި އެފަދަ ހާލަތެއް ނެތުމުން މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ލަސްވާތީ އެމްޑީޕީން މީގެކުރިން މަޖިލީހަށް ހުށަހެޅި ގަރާރެއްވެސް ވެރިކަން ކުރާ ޕީއެންސީގެ ސާފު މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީވެސް އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމު އެވެ.

މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިޒްރޭލްގެ ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް މީހަކު އަތުގައި އޮތް ނަމަވެސް އިޒްރޭލް ޕާސްޕޯޓެއް އޮތް އެއްވެސް މީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމަށް ކަނޑައެޅުމަށެވެ.

އެ ބިލް ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހު އެވެ.