ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފި އެވެ.

ޒީނިޔާއާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލައާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ތިން ދުވަހަށް އޭނާ ސަސްޕެންޑުކުރި އެވެ. އަދި އޭނާ ވަނީ އެ މަައްސަލައަށް ލިޔުމުން ޖަވާބުދާރީ ވެސް ވެފަ އެވެ.

އެނގިފައިވާގޮތުގައި މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ވަނީ ޒީނިޔާއަށް މަގާމުގެ ވަކިކުރި ކަމުގެ ޗިޓް ހަވާލުކޮށްފަ އެވެ.

ޒީނިޔާގެ މައްސަލައެއް ބަލަން ނިންމީ އޭނާގެ ސަބަބުން ކޮމިޝަނުގެ ހިންގުމަށް ދަތިތަކެއް ދިމާވާ ކަމަށް ބުނެ އެވެ. ބްރޯޑްކޮމްގެ މެންބަރުންނާ ގުޅޭގޮތުން މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.

އެ ކޮމިޝަނުގެ މެންބަރުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ވަނީ ބްރޯޑްކޮމްގެ ރައީސާއި މެންބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ އެންމެހާ ކަންކަމަށް އެއްވެސް ހުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހުތިރާމު ކުރުމެއް ނެތި، މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުންދާ ކަމަށް ވެސް އެ ޕެޓިޝަނުގައިވެ އެވެ.

ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މުވައްފަޒު އޭނާ އަދާކުރަމުންދިޔަ ޒިންމާތަކުން ނުރުހުމުގައި އެކަހެރިކޮށް، އޭނާ ޑިޕާޓުމަންޓު ބަދަލުކޮށް، ޑަބަލް ވިކްޓިމައިޒް ކުރި ކަމަށް ވެސް އެ ޕެޓިޝަނުގައި މެންބަރުންނަށް ތުހުމަތުކޮށްފައިވެ އެވެ.